04 May 2015, 17:56
މިދިޔަ ހުކުރުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަލާދިން ފުލުސް މީހާ ވައްޓާލި ކަމުގެ ތުހުމަތުގައި ކްލަބް އީގަލްސްގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް މިއަދު ހައްޔަރުކޮށްފި އެވެ.
އުމުރުން 19 އަހަރުގެ ލަބާން ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު 5:40 އެހާކަންހާއިރު އެފްއޭއެމް ޓާފްދަނޑުގައި ޓީމުގެ ޕްރެކްޓިސްގައި ހުއްޓައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރަން ދިޔައީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމަކުންނެވެ.
ލަބާން ހައްޔަރުކުރުމާ އެކު މިހާތަނަށް އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.

ފުލުހުން ހައްޔަރުކުރި މޫސާ ޝަރުމީލް: އޭނާ ފުލުސް މީހާގެ މޫނުގައި ފައިން ތަޅާ މަންޒަރު ފުލުހުން އާންމުކުރި ވީޑިއޯ އިން ފެނޭ ---- ސަމް ފޮޓޯ
ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ލަބާންގެ އިތުރުން ހައްޔަރުކޮށްފައިވާ މީހުންނަކީ މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48ގެ އިތުރުން ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އެވެ.

ފުލުހުން ހައްޔަރުކުރި އަބްދުﷲ ރަޝީދު މުހައްމަދު: އޭނާ ފުލުސް މީހާގެ މޫނުމަތީގައި އެތައް ފަހަރަކު ޖަހާ މަންޒަރު ފުލުހުން އާންމުކުރި ވީޑިއޯ އިން ފެނޭ ---- ސަން ފޮޓޯ
އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ތިން މީހަކާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މީހަކު ވެސް ހިމެނެއެވެ.
"އަނިޔާވެރިކަން ނިންމަން" މިނަމުގައި އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބޭއްވި މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ފުލުހުން ހައްޔަރުކުރި ނާސިރާ އަލީ: އޭނާ ފުލުސް މީހާގެ ގައިގައި ކޮކާކޯލާ ފުޅިއަކުން ޖަހާ މަންޒަރު ފުލުހުން އާންމުކުރި ވީޑިއޯ އިން ފެނޭ ---- ސަން ފޮޓޯ
އެ މުޒާހަރާއާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެފައި ވަނީ މުޒާހަރާގެ ފަހަތުގައި ފިލައިގެން ތިބި މީހުން ހޯދައި ގާނޫނުގެ ކުރިމައްޗަށް މިސަރުކާރުން ގެންނާނެ ކަމަށެވެ.
އަދީބު ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ރަށްރަށުން މީހުން ގެނައުމަށްފަހު އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ފިއްލަވަނީ ކަމަށާއި އެފުރުސަތު ދެން ނުދެއްވާނެ ކަމަށެވެ.

ފުލުހުން ހައްޔަރުކުރި ލައުޝާން އަހްމަދު ޒާހިރު: އޭނާގެ ފައިން ފުލުސްމީހާއަށް ހަމަލާދޭ މަންޒަރު ފުލުހުން އާންމުކުރި ވީޑިއޯ އިން ފެނޭ
އެ މުޒާހަރާއާ ގުޅޭގޮތުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ "އަނިޔާވެރިކަމާ ދެކޮޅަށް" ކަމަށްބުނެ މިދިޔަ ހުކުރު ދުވަހު މުޒާހަރާއަށް ނުކުތް މީހުންގެ ކިބައިން ފެނިގެން ދިޔައީ އަނިޔާވެރިކަން ކަމަށެވެ.
މައުމޫން ވިދާޅުވީ މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާކޮށްފައިވާތީ އެކަން އެމަނިކުފާނު ކުށްވެރިކުރާ ކަމަށެވެ.

ފުލުހުން ހައްޔަރުކުރި އަހްމަދު އިބްރާހީމް: އޭނާވެސް ފުލުސް މީހާގެ މޫނުގައި ފައިންތަޅާ މަންޒަރު ފުލުހުން އާންމުކުރި ވީޑިއޯ އިން ފެނޭ ---- ސަން ފޮޓޯ
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުންނަށް ވަރަށް އަނިޔާކުރި މަންޒަރު ފެނިގެން ދިޔުމަކީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކީ ހަގީގަތެއް ނޫންކަން ހާމަވާ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މުޒާހަރާގައި ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަދެއްކި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މުޒާހަރާ ލީޑުކުރުމުގައި ހަރަކާތްތެރިވާ އިސްބޭފުޅުންތަކެއް ހައްޔަރުކޮށްފަ އެވެ.

އިބްރާހީމް އިބާދު: ފުލުސް މީހާގެ އަތުގައި އޮތް މުގުރުބުރި ނަގައިގެން ފުލުސް މީހާއަށް އޭނާ ހަމަލާދޭ މަންޒަރު ފުލުހުން އާންމުކުރި ވީޑިއޯ އިން ފެނޭ ---- ސަން ފޮޓޯ