އިޓަލީގެ މިލާންގައި މިހާރު ކުރިއަށްދާ "އެކްސްޕޯ މިލާނޯ 2015"ގައި ރާއްޖެ ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރުކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

މި ހިނގާ މޭމަހުގެ އެކަކުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާގައި 140 ގައުމަކުން ބައިވެރިވެއެވެ. މި އެކްސްޕޯއަށް 20 މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މި އެކްސްޕޯގައި ހުންނަ ރާއްޖޭގެ ސްޓޭންޑްގައި ރާއްޖެ ޕްރޮމޯޓް ކުުރުމުގެ އިތުރުން ކުޑަކުދިންނަށް ގޭމްތައް ކުޅުމުގެ ފުރުސަތު ދިނުމާއި ވާހަކަ ކިޔައި ދިނުން އޮންނާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މި އެކްސްޕޯގައި ރާއްޖެ ތަމްސީލް ކުރާނީ އިޓަލީގެ ބިކާކޯ ޔުނިވަސިޓީ އާއި ގުޅިގެންނެވެ.

އެކްސްޕޯ މިލާނޯ 2015ގައި ރާއްޖޭގެ ސްޓޭންޑްގެ މަތީގައި ހުރި ސްކްރީނަކުން ވީޑިއޯ ބަލަނީ -- ފޮޓޯ: އެމްއެމްޕީއާރުސީ

މި އެކްސްޕޯގައި ކޮންމެ ހަފްތާއަކު އެއް ފަހަރު ރާއްޖޭން ޕެނަލް ޑިސްކަޝަނެއް ބާއްވާނެއެވެ. އެގޮތަށް ވާހަކަދެއްކުމަށް ކަނޑައަޅާފައިވާ މައުލޫތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލާއި މުރަކަ، މިޔަރާއި ކޯމަސް ފަދަ މައުލޫތަަކަށް ވާހަކަދެއްކުމަށް ނިންމާފައި ވެއެވެ.

އިޓަލީވިލާތުން ރާއްޖެއަށް ފާއިތުވި އަހަރު 57862 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމުލަ ފަތުރުވެރީންގެ 7.9 ޕަސެންޓެވެ.

އެކްސްޕޯ މިލާނޯ 2015ގައި ރާއްޖެ ބައިވެރިވުމުގެ ސަބަބުން އިޓަލީން އަންނަ ފަތުރުވެރިން އިތުރުވެ 2015 ވަނަ އަހަރަށް ކަނޑައަޅާފައިވާ 1.4 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވެދޭނެ ކަަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.