04 May 2015, 19:59
އުރީދޫއިން ޕެރިސް ސެންއިންޖަމައިންއާ ގުޅިގެން މާލޭގައި އުމުރުން 6 އަހަރާއި 16 އަހަރާއި ދެމުދުގެ ކުދިންނަށް ފުޓްބޯޅަ ޓްރެއިނިން ކޭމްޕޭއްް ބާއްވަން ނިންމައިފި އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އުރީދޫގެ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަހުމަދު ދީދީ (މަރީ) ވިދާޅުވީ މި މަހުގެ 29 އަދި 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޓްރެއިނިން ކޭމްޕްގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންގެ އިރުޝާދު ކުދިންނަށް ލިބޭނެ ކަމަށެވެ.
" ޕީއެސްޖީ އެކަޑަމީން ރާއްޖޭގެ 200 ކުދިން ޓްރެއިނިން ކުރާނެ" ކަަމަށް މަރީ ވިދާޅުވިއެވެ. މި ޓްރެއިނިން ކޭމްޕަށް ކުދިން ހޮވާނީ އެފްއޭއެމް އާއި ގުޅިގެން ކަމަށް މަރީ ވިދާޅުވިއެވެ. މީގެ އިތުރުން އުރީދޫ ކުދިން ހޮވުމަށްޓަކައި ޑިޖިޓަލް ކޭމްޕޭނެއް ފަށާފައިވާ ކަމަށް މަރީ ވިދާޅުވިއެވެ.
ކުދިންގެ ފުޓްބޯޅަ ހުނަރު ދައްކުވައިދޭ ވީޑިއޯ އެއް އިންސްޓަގްރާމް މެދުވެރިކޮށް އަޕްލޯޑް ކޮށްލުމުން އެ ކުދިންގެ ތެރެއިން އެއްމެ އުއްމީދީ ތަރިން ހޮވާ އެ ކުދިންނަށް ޓްރެއިނިންގައި ބައިވެރިވުމުގެ ފުރުސަތުދޭނެ ކަމަށް މަރީ ވިދާޅުވިއެވެ. މި ކެމްޕޭން މެދުވެރިކޮށް ކުދިން ހޮވުވުމުގައި އިސްކަންދޭނީ 14 އަހަރާއި 16 އަހަރާއި ދެމެދު ކުދިން ހޮވުމަށް ކަަމަށް ވެސް މަރީ ވިދާޅުވިއެވެ.
ވިޑިއޯ އަޕްލޯޑް ކުރާއިރު OoredooPSGAcademy# ހޭޝްޓެގް ބޭނުންކުރެއްވުމަށް ވެސް މަރީ އެދިވަޑައިގެންނެވިއެވެ. މި ވީޑިއޯތައް މިމަހުގެ ބާރައިގެ ކުރިން އަޕްލޯޑް ކުރަންޖެހެއެވެ. މި ކޭމްޕް ބޭއްވުމުގައި އެފްއޭއެމްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަަމަށް މަރީ ވިދާޅުވިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އުރީދީގެ މި ކޭމްޕްގެ ސަބަބުން ފުޓްބޯޅަ ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
" އެފްއޭއެމުން ބޮޑަށް ހަރަކާތްތެރި ވާނީ ޓެކްނިކަލް ސައިޑުން، އޭގެ ތެރޭގައި 200 ކުދިން ހޮވުމުގައި އެފްއޭއެމްގެ އެހީތެރިކަން ލިބޭނެ އަދި އިކުއިޕްމެންޓް އެފްއޭމުން ފޯރުކޮށްދޭނެ" ކަމަށް ބައްސާމް ވިދާޅުވިއެވެ.
ޕީއެސްޖީ އިން ވަނީ ގަތަރު އޮމާން ޓިއުނީޝިއާގައި ވެސް މިފަދަ ކޭމްޕްތައް ބާއްވާފައެވެ.
ދުނިޔޭގެ މޮޅެތި ކުޅުންތެރިން ހިމެނޭ ޕީއެސްޖީ ސްޕޮންސާ ކޮށްފައި ވަނީ އުރީދޫ ގްރޫޕުންނެވެ.