ރާއްޖޭގައި މިހާރު ވެސް ގޯސްވެފައިވާ ސިޔާސީ މަސްރަހު އިތުރަށް ގޯސް ވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ގޮވާލައިފި އެވެ.

އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައިވާ ވަފުދުގެ ވެރިއެއްގެ ގޮތުގައި ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަވާ ނޯވޭގެ ސަފީރު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ، މާލޭގައި މިމަހުގެ ފުރަތަމަ ދުވަހު ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތައް އެޖަމާއަތުން ވަރުގަދައަށް ކުށްވެރި ކުރާ ކަމަށެވެ.

"ކެތްތެރިވުމަށާއި، ސިޔާސީ މަޝްރަހު ގޯސްވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ރާއްޖޭގެ ހުރިހާ ފަރާތްތަކަށް އީޔޫގެ ވަފުދުން ގޮވައިލައެވެ،" ބަޔާނުގައި ވެއެވެ.

މިހާރު އުފެދިފައިވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުމަށް ރާއްޖޭގެ މައިގަނޑު ސިޔާސީ ޕާޓީތަކަށް އީޔޫ އިން ވަނީ ގޮވައިލާފައެވެ. އަދި މިމަހުގެ ފުރަތަމަ ދުވަހު ކުރި މުޒާހަރާ ސުލްހަވެރިވާނެ ކަމުގެ ޔަގީންކަން މައިގަނޑު ސިޔާސީ ޕާޓީތަކުން ދީފައިވަނިކޮށް އެކަން އެހެން ނުވުމުން އީޔޫއިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރާ މީހުންނާ މެދު އަނިޔާވެރި ނުވުމަށް ގޮވާލައި ޔޫރަޕިއަން ޕާލަމެންޓުން އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ގަރާރެއް ވެސް ފާސްކުރިއެވެ. އެ ގަރާރުގައި ރާއްޖެއަށް ގޮވާލާފައި ވަނީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ މީހުންނަށް ހުރަސް އެޅުން ހުއްޓައިލުމަށާއި މަރުގެ އަދަބު ރާއްޖެއަށް އަލުން ތައާރަފް ކޮށްފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.