ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ސިއްހީ ހާލަތު ދެނެގަތުމަށް "ހެލްތު ސްކްރީނިން" ޕްރޮގްރާމެއް ފަށައިފި އެވެ.

ފުރާވަރު ކުދީންގެ ހެލްތު ސްކްރީނިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އެކަމާ ގުޅޭ އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ހެލްތު މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، މިއަދު ހެނދުނު އެ ޕްރޮގްރާމް އިސްކަންދަރު ސްކޫލުގައި ފަށައިގެން ކުރިއަށް ދާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ސަބަބުން، ފުރާވަރަށް އަރާ އިރު ކުދިންނަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ކަމާ ގުޅޭ ފަރާތްތަކަށް އެ ކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެނގިގެން ދާނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

މިނިސްޓަރު ޒުހޫރު ވިދާޅުވީ، ފުރާވަރުގައި ކުއްޖާއަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ލޭ މަދުވުމާއި ހަމުގެ މައްސަލަތަކާއި އާދަޔާ ހިލާފަށް މަޑުމައިތިރި ވުން ހިމެނޭ ކަމަށެވެ. އަދި މިހާރު ފަށާފައިވާ ސްކްރީނިން ޕްރޮގްރާމްގެ ސަބަބުން އޭގެ ތެރެއިން ގިނަ މައްސަތައް ދެނެގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަލީ ނަސީރު

މިހާރު ކުރިއަށްދާ ޕްރޮގްރާމްގައި ދަރިވަރުންގެ ލޭގެ ޕްރެޝަރާއި ތެލެސީމިއާ އާއި ބަރުދަނާއި އިސްކޮޅުގެ އިތުރުން ކުއްޖާއަކީ ހަކުރު ބަލި ޖެހިފައިވާ ކުއްޖެއް ކަން ނުވަތަ ނޫން ކަން ބެލޭނެ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަމީލާ ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަލީ ނަސީރު

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެފަދަ ސްކްރީނިން ޕްރޮގްރާމެއް މީގެ ކުރިން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ފަށާފައި ކަމަށެވެ. މިއަހަރުގެ ތެރޭގައި އެ ޕްރޮގްރާމް އެއްކޮށް ނިމޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.