25 Feb 2011, 19:11
ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ރައީސް ރީކޯ މޫސާ މަނިކުގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުންޏާ ހާވާލުކޮށް، އެގްރިމެންޓުގައި ސޮއި ކުރިކަން ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް [ޓީސީއެލް]ގެ ޗެއާމަން މުހަންމަދު ޝަހުދީ އަންވަރަށް އެނގިވަޑައިގެންފައި ނުވާކަމަށް އޭނާ ވިދާޅުވި ކަމަށް ބުނާ އޯޑިއޯއެއް ލީކު ވެއްޖެ އެވެ.
ޓީސީއެލްގެ ބޯޑް މީޓިންގައި ޝަހުދީ ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނާ އެ އޯޑިއޯގައި ޝަހުދީ ވިދާޅުވެފައި ވަނީ ތިލަފުށީ ހިއްކުމުގައި ދިމާވާ ބައެއް މައްސަލަތަކަށް ލަފާ ހޯދުމަށް ކަމާ ބެހޭ ތަޖުރިބާކާރަކު ނެގުމަށް ނިންމާފައި ވަނިކޮށް ކުއްލި ގޮތަކަށް އެ މަސައްކަތް ހެވީލޯޑާ ހާވާލުކޮށް، އެގްރިމެންޓްގައި ސޮއި ކުރުމުން "ވަރަށް ބޯޑަށް ސަޕްރައިޒް" [ހައިރާންވެ] ވަޑައިގެންނެވި ކަމަށެވެ.
"އަހަންނަށް ޝޮކެއް ގޮތަށް އައީ. ފުރަތަމަ ކަމަކަށް ސޮއިކުރިކަން އަހަންނަން އެނގުނީ އަސްލު ސޮއިކުރި ފަހުން،" ޝަހުދީ ދައްކަވާފައިވާ ކަމަށް ބުނާ، ލީކްވެފައިވާ އޯޑިއޯގައި ޝަހުދީ ވިދާޅުވެފައިވެ އެވެ.
އެ އޯޑިއޯގައި އޭނާ ވަނީ ހެވީލޯޑުން ހުށަހަޅާފައިވާ އަގަށް އެ މަސައްކަތް އެފަރާތަށް ކުރެވިދާނެތޯ ބޯޑު މެންބަރުންނާ ސުވާލުކުރައްވައިފަ އެވެ. އަދި އެގްރިމެންޓް ކުރެވިފައިވާ ގޮތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އަލަށް ހިއްކާ ބައިގެ މަގުތައް އިންޑަސްޓްރިއަލް ޒޯން ފެންވަރަށް، އެ ހުށަހަޅާފައިވާ އަގަށް ގެއްލުމުގައި ހެވީ ލޯޑަށް ހެދިދާނެތޯ ވެސް އޭނާ ވަނީ ބޯޑާ ސުވާލުކުރައްވައިފަ އެވެ.
"ދެން ކޮންމެ ގޮތެއް ވިޔަސް ސޮއި ކުރެވިފައި އެ އޮތީ. އަހަރެންގެ އެންމެ ބޮޑު ކޮންސާނަކަށް ވީ އެ ޕްރޮޖެކްޓްގެ ވައަބިލިޓީ އަޅުގަނޑުމެންނަށް ޔަގީން ހެއްޔޭ؟ އެއީ އަހަރެންގެ އެންމެ މައިގަނޑު އެއްޗަކީ. ވައަބިލިޓީ އަށް ބަލާއިރު އެންމެ ފުރަތަމަ ސުވާލަކީ އެ ހުށަހަޅާފައި އޮތް ގޮތް އެއީ ޕްރެކްޓިކަލީ، ޓެކްނިކަލީ ވައިބްލް ގޮތެއް ހެއްޔޭ؟ އެ އަގުގައި އެކަން ކުރެވޭނެ ހެއްޔޭ؟ އެ އަގުގައި އެކަން ނުކުރެވިއްޖިއްޔާ ދެން އަހަރެމެން ކިހިނެއްހޭ ހަދާނީ؟،" ކަންބޮޑުވުން ފާޅުކުރައްވަމުން ޝަހުދީއެ އޯޑީއޯގައި ވިދާޅުވެފައިވެ އެވެ.
~
ހެވީލޯޑަށް އެ ޕްރޮޖެކްޓް ހަވާލުކުރުމުގައި އިހުމާލު ވެފައިވާ ކަމަށް އަމިއްލައަށް އިއުތިރާފް ވަމުން ޝަހުދީ ވިދާޅުވެފައި ވަނީ "އެއީ އަހަރެންގެ ވަރަށް ބޮޑު ފޭލިއަރެއް ކަމަށް އަހަރެން ބަލާނީ ކޮންޓްރެކްޓަރު ހަވާލުކޮށްފައި، ވޭރިއޭޝަން އައިސްގެން 40 މިލިއަން ރުފިޔާ އަށް ދެން ހަދާނެ ގޮތެއް ނެތިގެން. އެއީ އަހަރެމެންގެ ރެސްޕޮންސިބިލިޓީއެއް އެއީ ވައިބްލް ޕްރޮޕޯޒަލެއްތޯ ބެލުން. ދެން އަހަރެންނެއް ގަބޫލެއް ނުކުރަން އަހަރެންނަށް އޭތި ބެލިފައި އިން ކަމަ"ކަށެވެ.
ގުޅީފަޅުގެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ޝަހުދީ އެ ޕްރޮޖެކްޓް ޕުލޮޕް ވެދާނެ ކަމަށް ވިދާޅުވުމުން ބޯޓުގެ އެހެން މެންބަރަކު އެ އޯޑިއޯގައި ބުނާ އަޑު އިވެނީ " ޕްރޮޖެކްޓް ފޭލްވާ ގޮތް ވެއްޖެ ނަމަ އިސްތިއުފާ ދެއްވާނީ" ކަމަށެވެ. އެހެންނަމަވެސް އެއީ ބޯޑުގެ ކޮން މެންބަރެއްގެ އަޑެއްކަން ސާފެއްނުވެ އެވެ.
އެ އޯޑިއޯގައި ޝަހުދީ ވަނީ ހެވީލޯޑަށް އެޑްވާންސްގެ ގޮތުގައި ތިން މިލިޔަން ޑޮލަރު ދީފި ނަމަ ޓީސީއެލްގެ ކޭޝް ރިޒާވަށް ދެން ވާނެ ގޮތަކާ މެދު ކަންބޮޑުވާކަމަށް ވިދާޅުވެފަ އެވެ. އަދި އެ އޯޑިއޯގައި ބޯޑުގެ މެންބަރުން ދައްކާފައި ހުރި ވާހަކަތަކުން ވެސް ޝަހުދީއަށް އެ ޕްރޮޖެކްޓް ހެވީލޯޑާ ހަވާލުކުރިކަން އެނގިވަޑައިނުގަންނަވާކަން އެގެ އެވެ.
"އެކްސް މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ދޮޅުއަހަރު ފަހުން ނުވާނެ ކަމަށް ބުނެފި ނަމަ އެ ހިސާބުން ފޭލްވީ،" ލީކްވެގެން އުޅޭ އޯޑިއޯގައި ޝަހުދީ ވިދާޅުވެފައިވެ އެވެ.
އެ އޯޑިއޯއަކީ އަސްލެއްތޯ ނުވަތަ ނޫންތޯ ސާފުކުރުމަށް ޝަހުދީއާ ގުޅުމުން ތިރީސް މިނެޓް ފަހުން ގުޅުމަށް ވިދާޅުވެ ފަހުން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވި އެވެ. އަދި އެކަމުގައި ޓީސީއެލްގެ ބަހެއް ލިބޭތޯ އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރިޔާޒަށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދައްވަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ތިލަފުށީގެ ފަޅުން 130 ހެކްޓަރު ބިން ހިއްކަން 269.85 މިލިޔަން ރުފިޔާ އަށް ހެވީލޯޑާ ހަވާލުކުރުމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއްވާ ކަމަށް ބުނެ އެ ޕްރޮޖެކްޓް ހުއްޓާލައި އަލުން ބިޑް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޓީސީއެލް އަށް އަންގައިފަ އެވެ. ނަމަވެސް މީގެ ކުރިން ޓީސީއެލް އިން ވަނީ އޭސީސީގެ އެންގުމާ އެއްގޮތަށް ތިލަފުށީ ހިއްކުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށް ބުނެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް މިހާރު ވަނީ ތިލަފުށީގެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ގަވާއިދާ ހިލާފު ކަމެއްވާ ނަމަ ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގަވައިފަ އެވެ.