އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ސޮބާހްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ގެންދިއުމުން އެކޯޓުން ވަނީ އޭނާ 15 ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަމުރެއް ނެރެދީފައެވެ.

ފުލުހުން ސޮބާހު ހައްޔަރުކޮށްފައި ވަނީ ރޭ 10:50 އެހާކަންހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި މުޒާހަރާގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.

ސަން އަށް އެނގިފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް މުޒާހަރާތަކުގައި ވާހަކަދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ތިން ބޭފުޅަކު ހައްޔަރުކޮށްފައެވެ. އެއީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.