04 May 2015, 17:25
ދަވްޙާ (މޭ 4): ފަރަންސޭސިވިލާތުގެ ރަފޭލް މަރުކާގެ 24 ފައިޓަރ ޖެޓް ގަތުމުގެ އެއްބަސްވުމެއްގައި ގަތަރާއި ފަރަންސޭސިވިލާތުން ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި އެ ދެގައުމުގެ ދިފާއީ ވަޒީރުން ސޮއިކުރައްވާފައިވަނީ ފަރަންސޭސިވިލާތުގެ ރައީސް ފްރާންސްވާ އޮލާންދް ގަތަރަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައެވެ.
އޮލާންދް މިއަދު ހެނދުނުވަނީ ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދް އާ ބައްދަލުކުރައްވާފައެވެ. ފަރަންސޭސިވިލާތުގެ ރަފާލް މަރުކާގެ 24 ފައިޓަރ ޖެޓް ގަތަރުން ގަތުމުގެ އެއްބަސްވުމަކީ 7.02 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު އެއްބަސްވުމެކެވެ.
ރަފާލް މަރުކާގެ ފައިޓަރ ޖެޓަކީ ފަރަންސޭސިވިލާތުގެ އިތުރުން މުޅި ޔޫރަޕްގައިވެސް އުފައްދާ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފައިޓަރ ޖެޓެވެ. މިއީ އަގުވެސް ވަރަށްބޮޑު މަރުކާއެކެވެ.
ރަފާލް މަރުކާގެ ފައިޓަރ ޖެޓް އުފައްދަނީ ފަރަންސޭސިވިލާތުގެ "ދާސޫ" ކުންފުނިންނެވެ. މި އެއްބަސްވުމުގައި މިބޯޓުތަކަށް ބޭނުންވާ ސްޕެއަރޕާޓްސް ވިއްކުމާއި މިބޯޓުތައް ދުއްވާނެ ގަތަރުގެ 36 ޕައިލެޓުން ތަމްރީން ކުރުމުގެ އިތުރުން މިބޯޓުތައް މަރާމާތުކުރާނެ ގަތަރުގެ ފަންނީ މީހުންވެސް ތަމްރީންކޮށްދިނުން ވެސް ހިމެނެއެވެ.
ރަފާލް މަރުކާގެ ފައިޓަރ ޖެޓަކީ އުދުހެމުން ތެޔޮއެޅުމުގެ ގާބިލްކަން ލިބިފައިވާ އަދި ދުރުދަތުރުތައް ކުރުމުގެ ގާބިލްކަންވެސް ލިބިފައިވާ ބޯޓެކެވެ. އިންޑިޔާއާއި މިސްރުންވެސްވަނީ މި މަރުކާގެ މަތިންދާބޯޓު ގަތުމުގެ އެއްބަސްވުންތަކެއްގައި ދާދިފަހުން ސޮއިކޮށްފައެވެ. (ރޮއިޓާސް)