މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ބައެއް ދަރިވަރުން ބަންދުގައި ތިބުމުން އެކަމުގެ ސަބަބުން އެކުދީންގެ އިމްތިހާނުތަކަށް އަސަރުކޮށްފާނެތީ ކަންބޮޑުވާ ކަަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބުނެފި އެވެ.

ޔުނިވާސިޓީގެ ބައެއް ދަރިވަރުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން އެ ފަރާތްތަތަކަށް އިމްތިހާނަށް ހާޒިރުނުވެވިދާނެ ކަމުގެ ކަންބޮޑުވުން ލިބިފައިވާ ކަަމަށް ދަރިވަރުންގެ ޔޫނިއަން އިން ބުނެއެވެ.

ޔުނިވާސިޓީގެ ދަރިވަރުން އެއްވުންތަކުގައި ބައިވެރިވުމާއި އެނޫންވެސް އެފަދަ ކަންކަމުގައި ހަރަކާތްތެރިވުމުގައި އިމްތިހާނަށް ސަމާލުވުމަށް އެމްއެންޔޫގެ ސްޓޫޑެންޓްސް ޔޫނިއަން އިން ނެރުނު ބަޔާނުގައި ވެއެވެ.

"އަނިޔާވެރިކަން ނިންމަން" މިނަމުގައި އިދިކޮޅު ފަރާތްތަކުން މޭޑޭގައި ބޭއްވި މުޒާހަރާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން 174 މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައި ވެއެވެ.