04 May 2015, 14:44
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިމުޒާހަރާގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ އަންހެނަކާއި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން، އެއްގަމުގޭ ނަސީމާ އަލީ،30، އާއި ގދ. ގައްދޫ ލޮޓަސް ލައުޝަން އަހްމަދު ޒާހިރު،19، އެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހާފަ އެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހުންނަކީ ތ. ގުރައިދޫ ރޯސްވިލާ އަހްމަދުއިބްރާހީމް،48، އާއި ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އާއި ގ. ކީމާ، އަބްދުﷲ ރަޝީދު،49 އާއި މާލޭ ދަފްތަރު މޫސާ ޝަރުމީލު،35 އެވެ.
އެ އެންމެންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
ފުލުސް މީހާ އަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން މުޒާހަރާގެ ތެރެއިން ފުލުހެއް ދުވެފައި ދަނިކޮށް މީހަކު ގޮސް އެ ފުލުސް މީހާގެ ފައިގައި ޖަހައި ބިންމައްޗަށް ވައްޓާލަ އެވެ.
އެ ވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ފުލުސް މީހާ އަތުން މުގުރުބުރި އަތުލައި ފުލުސްމީހާގެ ގައިގައި މުގުރުބުރިންނާއި ފައިން ތަޅައި މާރާމާރީ ހިންގާ މަންޒަރު އެ ވީޑިއޯ އިންފެނެ އެވެ.
އެ ވީޑިއޯ އިން ފެންނަ މީހަކާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަ މަމޯލްޑިވްސް ޕޮލިސްސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރިމައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށްގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ ރައްޔިތުންގެކިބައިންއެދިފަ އެވެ.