04 May 2015, 15:29
އޭޓީޕީ ވޯލްޑް ޓްއާ ސީރީސްގެ އިސްތަންބޫލް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗްގައި އުރުގުއޭގެ ޕަބެލޯ ކްއޭވަސް ދެ ސެޓުން ބަލިކޮށް ސްވިޒަލޭންޑްގެ ރޮޖާސް ފެޑްރާ ޗެމްޕިއަންކަން ހޯދައިފިއެވެ.
ފުރަތަމަ ސެޓް ފެޑްރާ ކާމިޔަބު ކުރީ 6-3 ގެ ނަތީޖާއަކުންނެވެ. ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ދެ ވަނަ ސެޓް ފެޑްރާ ކާމިޔާބުކުރީ 7-6 ގެ ވާދަވެރި ނަތީޖާ އަކުންނެވެ.

އޭޓީޕީ ވޯލްޑް ޓްއާ ސީރީސްގެ އިސްތަންބޫލް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ފެޑްރާއާ ވާދަކުރި ޕަބެލޯ ކްއޭވަސް --- ފޮޓޯ/ އޭޕީ
ފައިނަލް މެޗަށް ފަހު ފެޑްރާ ބުނީ ވަރަށް އުނދަގޫ ތިން މެޗަށް ފަހު ފައިނަލްގައި އޭނާ އުންމީދު ކުރި ގޮތަށް ކުޅެވުނު ކަމަށާއި އެއީ އޭނާއަށް އެންމެ ރަނގަޅަށް ކުޅުނު ފައިނަލް މެޗް ކަމަށެވެ.
ތުރުކީގައި ބޭއްވި ފުރަތަމަ އޭޓީޕީ ވޯލްޑް ޓްއާ ސީރީޒްގެ މުބާރާތް ކާމިޔާބު ކުރުމަށްފަހު ފެޑްރާ ބުނީ މިމުބާރާތް އެންމެ ފުރަތަމަ ކާމިޔާބު ކުރި ކުޅުންތެރިޔާއަށް ވުމުން އޭނާ އެކަމާ ވަރަށް ބޮޑަށް ފަޚްރުވެރިވާ ކަމަށެވެ.

އޭޓީޕީ ވޯލްޑް ޓްއާ ސީރީސްގެ އިސްތަންބޫލް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގެ މެޗްގެ ތެރެއިން ފެޑްރާ --- ފޮޓޯ/ އޭޕީ
އަދި އިސްތަބޫލްއިން އޭނާއަށް ލިބުނު ބޮޑު ތަރުހީބަށް ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށާއި ތުރުކީއިން ލިބުނު ތަޖުރިބާ އޭނާއަށް ވަރަށްކަމުދާ ކަމަށެވެ.
މިއީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ފެޑްރާ މިއަހަރު ކާމިޔާބު ތިން ވަނަ ޓެނިސް މުބާރާތެވެ.
ތުރުކީގައި މުބާރަތް ކާމިޔާބު ކުރުމުން ފެޑްރާ ވަނީ މިހާތަނަށް 19 ޤައުމެއްގެ މުބާރާތް ކާމިޔާބުކޮށްފައެވެ.