04 May 2015, 15:36
ގދ. ގައްދޫ ގެއަކުން ވަގަށް ނެގި ފައިސާތަކުގެ ތެރެއިން ބައެއް ފައިސާ ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެކަކު ދިރިއުޅޭ ގޭގެ ދޮންނަ މެޝިނުތެރެއިން ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ގައްދޫ ގެއަކުން 21،300ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި 20 އަހަރުގެ މީހަކާއި 51 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި އެރަށު ފިހާރައެއްގެ ތެރޭ ތިއްބައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ވަގަށްނެގި ރުފިޔާތަކުގެ ތެރެއިން 17،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި އެ ފައިސާތަކުގެ ތެރެއިން ބައެއް ފެނިފައިވަނީ އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި 20 އަހަރުގެ މީހާ ދިރިއުޅެމުންދާ ގޭގެ ދޮންނަ މެޝިން ތެރެއިންނާއި 51 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެއިންނާއި އެމީހާގެ އަތުން ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން 20 އަހަރުގެ މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ހޮޅިކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންނަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެ އެވެ.