މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015 ގެ ޓެލެކޮމް ޕާޓްނަރަަކަށް އުރީދޫ ހަމަޖައްސާފިއެވެ.

މި އެއްބަސްވުމުގެ ދަށުން އުރީދޫ އިން މުއާސަލާތީ އެހީތެރިކަން މަޓާޓޯއިން ދުބާއީގައި ބާއްވާ އެވޯޑްގެ ބަޔާއި ބޮޑު ހިތި މޯލްޑިވްސް ރިސޯޓްގައި ބާއްވާ ގާލާ ނައިޓަށް ވެސް ލިބޭނެއެވެ.

" ޓުއަރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާއަށް ނިސްބަތްވާ އުރީދޫގެ ގިނަ ކަސްޓަމަރުންގެ އަގު ވަޒަންކުރާ މަޓާޓޯ މޯލްޑިވްސް ޓްރެވެލް އެވޯޑް 2015 ގެ ހިއްސާއަކަށް ވުމަކީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާކަމެއް" ކަމަށް އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ މެއިން ސުޕޮންސާއަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އެވެ. ކޯ ސުޕޮންސަރުންނަށް އެލައިޑް އިންޝުއަރެންސް އާއި ވިލާއެއާގެ ފުލައިމީ އާއި ދަ ހޯކްސް ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ އެވޯޑުގައި 33 ކެޓަގަރީ އަށް 111 ފަރާތަކުން ވަނީ ނޮމިނޭޓް ވެފައެވެ.

އެހެން އަހަރުތަކާއި ތަފާތުކޮށް މަޓާޓޯ އެވޯޑްސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެ ގޮތުން އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ އެއްބައި މި ހަފްތާގައި ދުބާއީގައި ބާއްވާނެ އެވެ. އެވޯޑް ދިނުމުގެ ފައިނަލް ބައި އޮންނާނީ ސެޕްޓެމްބަރު މަހު ކޮކޯ ބޮޑު ހިތި ރިސޯޓްގަ އެވެ. މަޓާޓޯ ޓްރެވަލް އެވޯޑްސް ވިލަރެސް ކުރާ ފަރާތަކީ ހައިރައިޒް އެވެ.