04 May 2015, 14:59
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލުމުން ބައިނަލް އަގުވާމީ މުޖުތަމައުން ރާއްޖެއާ މެދު އެހެން ގޮތަކަށް ދެކެން ފަށާފައިވާ ކަމަށާއި އެގޮތުން އަންނަ ފިއްތުން ތަކުން ސަލާމަތް ވުމަށް ނަޝީދު މިނިވަން ކުރަން ޖެހޭ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
މޫކައި ހޮޓަލުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ނަޝީދުގެ ގާނޫނީ ޓީމުގެ ފަރާތުން ވާހަކަ ދެއްކެވި ހަސަން ލަތީފު ވިދާޅުވީ ނަޝީދު މިނިވަން ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއި ސްޕްރީމް ކޯޓަށް ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.
"... ހަގީގަތުގައި ވެގެން މިދާ ގޮތަކީ މުޅި ދުނިޔޭން އެއޮތީ މިރާއްޖެއާ ދޭތެރޭ އެހެން ނަޒަރަކުން ބަލަން ފަށާފައި. އެކަން ހައްލު ކުރުމަށް ދިވެހިރާއްޖޭގެ އެކި އެކި މުއައްސަސާތަކުން ކުރެވެން ހުރި ކަންތައްތައް ކުރަން ޖެހޭ. އެގޮތުން ސުޕްރީމް ކޯޓުން މިވަގުތު، ޕްރޮސެކިއުޓާ ޖެނެރަލްގެ އިސްނެންގެވުމުގެ މަތިން އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށް ވަންޏާ އެ ހުއްދަ ދެއްވުމަކީ ސުޕްރީމް ކޯޓުގެ އަތް މަތީގައި އޮތް ކަމެއް،" ލަތީފު ވިދާޅުވިއެވެ.
ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަކީ ސުޕްރީމް ކޯޓަށް ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ. ބައިނަލް އަގުވާމީ މުޖުތަމައުން ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރާނެ ކަމަށް ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވަމުން ލަތީފު ވިދާޅުވީ އެކަން ހައްލު ކުރުމުގައި އެންމެ އިސްދައުރެއް އަދާ ކުރެއްވޭނީ ޕީޖީއަށް ކަމަށެވެ.
އެވާހަކަތަކާ ގުޅޭގޮތުން ޕީޖީ ވިދާޅުވީ ގާނޫނީ ވަކީލުން ސިޔާސީވަންޏާ ދައުވާ ލިބޭ މީހާގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެ.
މުހުތާޒު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ބާރު ޕީޖީއަށް ލިބިގެންނުވާ ކަމަށް ހަސަން ލަތީފް ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިއަދު އެބާރު ޕީޖީއަށް ލިބިފައި ވަނީ ކިހިނެތްތޯ ވިދާޅުވެ މުހުތާޒު ވަނީ ސުވާލު އުފައްދާފައެވެ.
"އޭރުގަ ސިޔާސީ ބޭނުމަކަށްޓަކައި ނަޝީދުގެ ގާނޫނީ ޓީމުން ހަސަން ލަތީފް ވިދާޅުވަނީ ޕްރޮސިކިއުޓާ ޖެނެރަލްގަ ނޯންނާނޭ ބާރެއް އިސްތިއުނާފުކުރަން. މިހާރު ކޮންތާކުންތޯ އެބާރު އައީ،" މުހުތާޒު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލުކުރަމުން އައި އުސޫލަކީ، ޕީޖީ އޮފީހުން އިސްތިއުނާފު އިސްތިއުނާފު ކުރަނީ ހަމައެކަނި ދައުލަތާ ދެކޮޅަށް ކޯޓުން ނިންމާ މައްސަލަތަކެވެ. ނަމަވެސް ދައުލަތާ ދެކޮޅަށް ނިންމާ މައްސަލަތައް ޕީޖީ އިސްތިއުނާފުކުރާ އުސޫލެއް މިހާތަނަށް ރާއްޖޭގައި ގާއިމްވެފައި ނުވާ ކަމަށް ޕީޖީ މުހުތާޒު ވިދާޅުވި އެވެ.