ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޔާމީން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު ކަމަށެވެ. އަދި އެނބުރި ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޔާމީން ޕާކިސްތާނަށް ބުދަ ދުވަހު ވަޑައިގަންނަވާއިރު މިދިޔަ މާޗު މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާފައި އެވެ.