25 Feb 2011, 18:54
ދައުލަތުގެ އިސްވެރިންގެ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމެއިލް ކުރުމަށް ބަޔަކު މަސައްކަތްކުރި ކަމަށް ބުނާ މައްސަލައަކާ ގުޅޭ ގޮތުން ދުވަހު ނޫސް ހަވީރުގައި ޝާއިއުކުރި ރިޕޯޓު ލިޔުނު ދެ ނޫސްވެރިޔަކު، މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
"ދައުލަތުގެ އިސްވެރިން ބަރަހަނާ ކޮޮށްލައިފި" މި ސުރުހީގެ ދަށުން މި މަހުގެ 22 ގައި ދުވަހު ނޫސް ހަވީރުގައި ލިޔެފައިވާ ރިޕޯޓާ ގުޅިގެން މިއަދު ހަވީރު 4:00 ޖަހާ އެހާކަންހާއިރު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ އެ ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫނާއި ލޯކަލް ނިއުސް އެޑިޓަރު އިސްމާއީލް ނަސީރެވެ.
ބުލެކްމެއިލް މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގާ ގުޅޭ ގޮތުން ސުވާލުތަކަށް ޖަވާބުދިނުމަށް ގާތްގަނޑަކަށް ބައިގަޑިއެއް ހާއިރު ހޭދަކުރުމަށް ފަހު ފުލުހުންގެ އިދާރާއިން ނުކުމެ ހަމްދޫނާއި އިސްމާއިލް ނަސީރުގެ ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ އެ ދެ ނޫސްވެރިން ލިޔުނު ރިޕޯޓުގެ މަސްދަރު ހާމަކުރުމަށް ފުލުހުން މަޖުބޫރު ކޮށްފައިނުވާ ކަމަށެވެ.
އަލީ ހުސެން ވިދާޅުވީ އެ ރިޕޯޓުގައި ބުނާ ވީޑިއޯތަކަކީ "ހަވީރަ"ށް ލިބިފައިވާ ތަކެތިތޯ ފުލުހުން ސުވާލުކުރުމުން އެއީ އެ ދެ ނޫސްވެރިންނަށް ފެނިފައިވާ ވީޑިއޯތަކެއް ނޫންކަމަށާއި އެއީ އެ ދެ ނޫސްވެރިންނަށް ބަޔަކު ކިޔައިދިން ގޮތަށް ލިޔެފައިވާ ރިޕޯޓެއްކަމަށް ތަހުގީގުގައި ބުނިކަމަށެވެ.
"އެ ދެބޭފުޅުން ވެސް ތަހުގީގުގަ ވިދާޅުވެފައި ވަނީ އެއީ އެ ބޭފުޅުންނަށް ފެނިފައިވާ ވީޑިއޯތަކެއް ނޫންކަމާއި ނަމަވެސް ބަޔަކު ކިޔައިދިން ގޮތަށް ޑިސްކްރައިބް ކޮށްފައި ލިޔެފަހުރި (ރިޕޯޓެއް)،" އަލީ ހުސެން ވިދާޅުވި އެވެ.
ނަމަވެސް އެ ދެ ނޫސްވެރިން ބޭނުންވާ ނަމަ ގާނޫނު ދެމެހެއްޓުމުގެ ގޮތުން ރިޕޯޓުގެ މަސްދަރު ހާމަކުރުމަށް ފުލުހުން އެދުނުކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
"އެބޭފުޅުން ވިދާޅުވި އެ ސޯސް ނޫނީ އެ މައުލޫމާތު މަސްދަރު ހޯދަން ވެސް ބޭނުންނުވާ ކަމަށް އެބޭފުޅުން ވަރަށް ސާފުކޮށް ވިދާޅުވި. އަދި ނޫސްވެރިންނަށް ލިބިގެންވާ މިނިވަންކަމަށް އަރައިގަންނަން ވެސް ފުލުހުން ބޭނުން ނުވާކަމަށް ވަރަށް ސާފުކޮށް ވިދާޅުވި. އެބޭފުޅުން ވިދާޅުވި މައުލޫމާތު ސާފުކުރަން ގެންދެވި ބޭފުޅުން (ދެ ނޫސްވެރިން) ބޭނުންވެއްޖެ ކަމުގައިވާ ނަމަ ގާނޫނު ދެމެހެއްޓުމުގެ ގޮތުން އެބޭފުޅުން ބޭނުންވާ ނަމަ މަސްދަރު ހާމަ ކުރެވިދާނެ ކަމަށް. އަޅުގަނޑު ހިތުން އެ ސުވާލަކީ ފުލުހުންނަށް ކުރެވިދާނެ ސުވާލެއް،" އަލީ ހުސެން ވިދާޅުވި އެވެ.
"ހަވީރު"ގެ ސީނިއާ ދެ ރިޕޯޓަރުން ކަމަށްވާ ހަމްދޫނާއި އިސްމާއިލް ނަސީރު ފުލުސް އޮފީހަށް ހާޒިރުވި ގަޑިއަށް ނޫސްވެރިންގެ އިތުރުން ބައެއް އާންމުން ވެސް ޝަހީދު ހުސެން އާދަމް ބިލްޑިންގް ހުންނަ ސަރަހައްދަށް ޖަމާވި އެވެ. އެތަނަށް ދިޔަ ނޫސްވެރިންގެ ތެރޭއިން ބައެއް ސީނިޔާ ޖާނަލިސްޓުން އެ ދެ ބޭފުޅުންނާ އެކު ފުލުހުންގެ އިދާރާ އަށް ވަދެވަޑައިގަތެވެ.
ހަމްދޫނާއި އިސްމާއިލް ނަސީރު ވެސް މިއަދު ވިދާޅުވީ އެ ދެ ބޭފުޅުން ފުލުސްއޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ނުވާކަމަށާއި އެ ދެ ނޫސްވެރިން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވީ ރޭގެ ވަގުތެއްގައި ފުލުހުންގެ ބޭފުޅަކު ގުޅާފައި ހާޒިރުވުމަށް އެންގުމުން ކަމަށެވެ.
"ހަވީރު"ގައި ލިޔުނު އެ ރިޕޯޓާ ގުޅިގެން، ހަމްދޫނާއި އިސްމާއިލް ނަސީރު ބޭނުން ކުރާ ކޮމްޕިއުޓަރުތައް ބަލައި ފާސް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ އަމުރެއް ނެރެފަ އެވެ. ނަމަވެސް ހަމްދޫނާއި އިސްލްމާއިލް ހަވީރުގައި ބޭނުން ކުރާ ކޮމްޕިއުޓަރުތައް އަދި ފާސް ކުރިކަން އެނގިފައެއް ނުވެއެވެ.