މައްސަލަ ސިޔާސީ ނުކޮށް ދައުވާ ލިބޭ ފަރާތުގެ ދިފާއުގައި މަސައްކަތްކުރުމަށް ހުރިހާ ދިފާއީ ވަކީލުންނަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ގޮވާލައްވައިފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޕީޖީ މުހުތާޒު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމް ރަނގަޅަށް ހިނގާނީ ދިފާއީ ވަކީލުން ސިޔާސީ ނުވެ، ދައުވާ ލިބޭ ފަރާތުގެ ދިފާއުގައި މަސައްކަތްކޮށްގެން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފުކުރަން އޮތް މުއްދަތު މިހާރު ހަމަވެފައި ވާތީ ދެން އެ މައްސަލަ އިސްތިއުނާފުކުރަން ޖެހޭނީ ޕީޖީ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އެވާހަކަތަކާ ގުޅޭގޮތުން ޕީޖީ ވިދާޅުވީ ގާނޫނީ ވަކީލުން ސިޔާސީވަންޏާ ދައުވާ ލިބޭ މީހާގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެ.

މުހުތާޒު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ބާރު ޕީޖީއަށް ލިބިގެންނުވާ ކަމަށް ހަސަން ލަތީފް ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިއަދު އެބާރު ޕީޖީއަށް ލިބިފައި ވަނީ ކިހިނެތްތޯ ވިދާޅުވެ މުހުތާޒު ވަނީ ސުވާލު އުފައްދާފައެވެ.

"އޭރުގަ ސިޔާސީ ބޭނުމަކަށްޓަކައި ނަޝީދުގެ ގާނޫނީ ޓީމުން ހަސަން ލަތީފް ވިދާޅުވަނީ ޕްރޮސިކިއުޓާ ޖެނެރަލްގަ ނޯންނާނޭ ބާރެއް އިސްތިއުނާފުކުރަން. މިހާރު ކޮންތާކުންތޯ އެބާރު އައީ،" މުހުތާޒު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލުކުރަމުން އައި އުސޫލަކީ، ޕީޖީ އޮފީހުން އިސްތިއުނާފު ކުރަނީ ހަމައެކަނި ދައުލަތާ ދެކޮޅަށް ކޯޓުން ނިންމާ މައްސަލަތަކެވެ. ނަމަވެސް ދައުލަތާ އެއްކޮޅަށް ނިންމާ މައްސަލަތައް ޕީޖީ އިސްތިއުނާފުކުރާ އުސޫލެއް މިހާތަނަށް ރާއްޖޭގައި ގާއިމްވެފައި ނުވާ ކަމަށް ޕީޖީ މުހުތާޒު ވިދާޅުވި އެވެ.