ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުޝްތަޝާރު އަބްދުﷲ ޔާީން އަބްދުލް ގައްޔޫމުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވާހަކަދައްކަވާކަމަށް ބުނެ ޕީޕީއެމް އިން އެކަން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ސާވިތުކުރެވެން ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް މަހުލޫފު ދަނީ ތަފާތު ވާހަކަތައް ދައްކަމުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ތިއްބެވި ބައެއް ވަޒީރުންނާ ގުޅޭ ގޮތުން ވެސް ސާބިތު ނުހިފޭ ފަދަ ވާހަކަތައް މަހުލޫފު ދައްކަވަމުންދާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެޕާޓީން ބުންޏެވެ.

"އަހުމަދު މަހުލޫފު ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކމުން ގެންދާ ވާހަކަތަކެއް ނޫންކަން އޭނާގެ ވާހަކަތަކުން އެކަނިވެސް ސާބިތުވެ އެވެ. އެފަދަ ވާހަކަތަކެއް ދެއްކުމުގެ އެންމެ ބޮޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި ހޯއްދަވައިދެއްވާ ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ ފަރާތުން އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރަށް ލިބެމުންދާ ތާއީދާއި މަގުބޫލުކަން ހަޖަމު ކުރަން ދަތިވެ ދިވެހިރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ބޭނުމުގައާ އޭނާގެ ޒާތީ މަންފާތަކެއްގެ ބޭނުމުގައި ދައްކަމުން ގެްނދާ ވާހަކަތަކެކެވެ." ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

އެޕާޓީން ބުނީ ރައީސް ޔާމީނަށް ޕީޕީއެމްއާ އެޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާއި ތާއީދު އަބަދުވެސް ލިބެމުން ދޭނެކަމަށެވެ. އަދި ސަރުކާރު ދެމެހެއްޓުމަށްޓަކައި އެޕާޓީއާ އެޕާޓީގެ ފަރާތުން ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަންނަވާ ކޮންމެ ކަމެއްގައި އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މީގެކުރިން ހުންނެވި މަހުލޫފު އެޕާޓީ އިން ވަކި ކުރެއްވުމުން އޭނާ ދަނީ އިދިކޮޅު ފަރާތްތަކުން މިއަދުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާގައި ބައިވެރިވަމުން ނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕީއެމްގައި އެމަނިކުފާނުގެ ބާރެއް މިއަދު ނެތް ކަމަށް މަހުލޫފް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެހެންނަމަވެސް ޕީޕީއެމްއިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.