ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދު ޕީޕީއެމްއިން ވަކިކުރަން އެޕާޓީއިން ނިންމައިފިއެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ދިއްގަރު ދާއިރާގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން މޫސާ ނަސީރު އަހުމަދު ނިންމާފައިވާތީ އެޕާޓީގެ ސުލޫކީ ކޮމެޓީއިން އެމައްސަލަ ބެލުމަށްފަހު އޭނާ އެޕާޓީއިން ވަކިކުރުމަށް ނިންމާ އިލެކްޝަން ކޮމިޝަނަށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މޫސާ ނަސީރު އަހްމަދަކީ ޕީޕީއެމަށް ނިސްބަތްވާ މ. އަތޮޅު ކައުންސިލްގެ މެމްބަރެކެވެ. އޭނާ ވަނީ ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވެސް ނަން ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ނަން އަނބުރާ ގެންދަވާފައެވެ. އޭނާ އަކީ މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީޕީއެމްއިން ބޭއްވި ޕުރައިމަރީގައި އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން އާއި ދިއްގަރު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި ވާދަކޮށް އެ އިންތިހާބުގެ ޕީޕީއެމް ޓިކެޓް ހޯދާފައިވަނީ ފާރިޝްއެވެ. އެއާއެކު ފާރިޝް އާއި ވާދަކުރެއްވި މޫސާ ނަސީރު ވަނީ އޭނާ ހުންނެވި ދިއްގަރު ކައުންސިލްގެ މަގާމުން އިސްތިއުފާދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.