މިނިވަން 50، ފާހަގަކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ޓީމުތައް ބައިވެރިކޮށްގެން ވެޓަރަންސް ފުޓުބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށް މިނިވަން 50 އޮފީހުން ބުނެފި އެވެ.

މިނިވަން 50 އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ އެ މުބާރާތަކީ ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ މުބާރާތުގައި ރާއްޖެއިން ބޭރުގެ ފަސް ޓީމެއް ބައިވެރިވާނެ ކަމަށެވެ. އަދި އެ މުބާރާތް ބެލުމަށްޓަކައި ދަނޑަށް ވަނުމަށް އެއްވެސް ޓިކެޓެއް ބޭނުން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަވުމުގައި ވާހަކަފުޅުދައްކަވަމުން އެނަވަޔަރަމަންޓު މިނިސްޓްރީގެ ނައިބު މުހައްމަދު ހާނިމު ވިދާޅުވީ ރާއްޖެއިން ބޭރުން ވެޓަރަންސް ސޮކާ މުބާރާތަކީ ފުޓުބޯޅަ ކުޅުމުން ރިޓަޔާ ކޮށްފައި ތިބި ފަރާތްތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތަށް ވެގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މުބާރާތް އިންތިޒާމް ކުރެވިފައި ވަނީ މިނިވަން 50ގެ ކުލަ ވަރަށް ބޮޑު ޖެހިގެންދާ ގޮތަށް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާނިމް ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

"ރާއްޖެއިން ބޭރުން މި މުބާރާތުގައި 5 ޓީމެއް އެބަ ބައިވެރިވޭ. އިންޑިއާ ސިންގަޕޫރު މެލޭޝިއާ ބުރޫނާއީ އިންޑަނޭޝިއާ އަދި ރާއްޖޭގެ ކުރީގެ ގައުމީ ޓީމަށް ކުޅެފައިވާ ފަރާތްތަކުގެ މެދުގައި ހޮވާލެވޭ ޓީމެއް. މި މުބާރާތުގެ ޑުރޯ ސެރަމަނީއަކީ ވެސް މިހާތަނަށް ރާއްޖޭގެ ފުޓުބޯޅައިގެ ނުބޭއްވޭ ވަރުގެ ޑުރޯ ސެރަމަނީ އަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ހާނިމް ވިދާޅުވި އެވެ.

މިނިވަން 50 އާ ގުޅޭ ގޮތުން ބާއްވާ ސްކައި ޑައިވްއާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން މާޒް ސަލީމް ވިދާޅުވީ ސްކައި ޑައިވް ކުރާ މެލޭޝިއާގެ ޓީމެއް ރޭ މާލެ އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޓީމާއެކު ސްކައި ޑައިވްގެ ޓެސްޓު ޑައިވް މި މަހުގެ ފަސް ވަނަ ދުވަހު ނޫނީ ހަވަނަ ދުވަހު ހެދޭ ވަރު ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސްކައި ޑައިވްގެ ޓެސްޓު ޑައިވްގެ ޖުމުލަ ދެ ޑައިވް ހަދާނެ ކަމަށެވެ.

"އޭގެ ފަހުން މިއޮންނަނީ އޭގެ ޓްރެއިނިން {ސްކައި ޑައިވް} އެއަށް އަޅުގަނޑުމެން މި ދެނީ 45 ދުވަސް. މީގަ މިހިމެނެނީ ހުސް ދިވެހިން. އަޅުގަނޑުމެން ބޭނުންވަނީ މިނިވަން 50ގެ ހުރިހާ ކުޅިވަރެއްގައި ދިވެހިން ޝާމިލު ކުރަން. އެގޮތުން އަޅުގަނޑުމެން ނިންމާފައި އެވަނީ ބޭރުގެ ފަރާތްތައް ގެނެސް ސްކައި ޑައިވްއަށް ދިވެހިން ތަމްރީން ކުރުމަށް. ދެން އަޅުގަނޑުމެން އެކަމުގައި ބައިވެރިކުރާ ވައި ކުޑަ ވެސް ޑިޒައިން ކޮށްފައި ހުންނާނީ ދިވެހި ދިދައެއްގެ ގޮތަށް ތިރިއަށް އަންނަ އިރު ދިވެހި ދިދަ ފެންނަ ފެންނަ ގޮތަށް." ހާނިމް ވިދާޅުވިއެވެ.