04 May 2015, 12:55
"އަނިޔާވެރިކަން ނިންމަން" މިނަމުގައި ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
އިމްރާނާއި އަލީ ވަހީދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު 'ސަން' އަށް ވިދާޅުވީ އެ ދެބޭފުޅުންގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އިމްރާނާއި އަލީ ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ މައްސަލަ އިސްތިއުނާފު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެ ތިން ބޭފުޅުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ހޮނިހިރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ޖަހައިދީފައި ވަނީ އެބޭފުޅުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ.
ފުލުހުން މުއްދަތު މަޖިލީހުގައި ބުނެފައި ވަނީ އިމްރާނާއި އަލީ ވަހީދު ހުކުރު ދުވަހުގެ ހަވީރު މުޒާހަރާގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބި، މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެ ހަވީރު މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވަނީ މި ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އިމްރާން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުގެ މަގުސަދަކީ މި ގައުމަށް އޮހޮރިގެން ދިޔަ ދިވެހި ރައްޔިތުންގެ ލޭގެ ހައްގު ހޯދައިދިނުން ކަމަށެވެ. އަދި މުޒާހަރާ ނިންމާލާނީ އެކަން ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މޭޑޭ މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވެފައި ވަނީ އަތޮޅުތަކުން މީހުން އައިސް މާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު ކުރިއަށްގެންދާ ބޮޑު އެއްވުމަކީ އަންނަން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް ބޮޑު ޖިހާދެއް ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ މޭޑޭގައި އިދިކޮޅު ފަރާތްތަކުން މާތްﷲގެ އިރާދަފުޅާއެކު ކާމިޔާބު ހޯދާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމާޒުތައް ހަގީގަތަކަށް ހެދުމަށް ވީހާވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމަށް އަމީން ވަނީ އެދިވަޑައިގެންފައެވެ.