ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 11 ވަނަ ސާފް ޗެންޕިއަންޝިޕް މި އަހަރުގެ ޑިސެންބަރު މަހު އިންޑިއާގެ ޓްރިވެންޑަރަމްގައި ބާއްވަން ނިންމައިފިއެވެ.

އެ މުބާރާތް މި އަހަރު ބާއްވަން ނިންމާފައިވާ ގައުމު ކަމަށްވާ އިންޑިއާއިން މީގެ ކުރިން މި އަހަރުގެ ޖޫން މަހު ބާއްވަން ތާވަލްކުރި ސާފް ޗެންޕިއަންޝިޕް މިހާރު ފަށާގޮތަށް ހަމަޖެހިފައި ވަނީ ޑިސެންބަރު 23 ގައި ކަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން ބުނީ އެ ނިންމުން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު ބަހުރައިންގައި ބޭއްވި އޭއެފްސީ ކޮންގްރެސްއަށް ފަހު، ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅަ އިދާރާތަކުގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައި އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ޖޫން މަހަކީ ސާފް ސަރަހައްދުގައި ހިމެނޭ ޕާކިސްތާނާއި އަފްޣާނިސްތާން އަދި ރާއްޖެ ފަދަ އިސްލާމީ ގައުމުތައް ރަމަޟާންމަހާ ކުރިމަތިލާ މަސް ކަމަށް ވުމުން، ރާއްޖެއިން ވަނީ އެ ނޫން ތާރީޚެއްގައި އެ މުބާރާތް ބޭއްވުމަށް އެދިފައެވެ. އެގޮތުން ޑިސެންބަރު މަހަށް މިހާރު އެ މުބާރާތް ތާވަލް ކުރެވިފައި ވާއިރު، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލް ބުނީ މިފަހަރުގެ މުބާރާތަކީ ރާއްޖެއަށް ރަނގަޅު މުބާރާތަކަށް ވާނެ ކަމަށެވެ.

"މި ފަހަރުގެ މުބާރާތަކީ ރާއްޖެއަށް ރަނގަޅު މުބާރާތަކަށް ވާނެ. ޓްރިވެންޑްރަމް އަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ސިޓީއެއް، އެހެން ކަމުން އަޅުގަނޑުމެންގެ އުންމީދަކީ، އަލުން އަނބުރާ ސާފް ޗެންޕިއަންޝިޕްގެ ތަށި ރާއްޖެ ގެނެވުމަށް ޓްރިވެންޑްރަމްގައި ތިބި ހުރިހާ ދިވެހި ސަޕޯޓަރުންވެސް އެހީތެރި ވެދޭނެ ކަމަށް،" ބައްސާމް ވިދާޅުވި އެވެ.

ސާފް ޗެންޕިއަންޝިޕްގެ އެންމެ ފަހުގެ ޗެންޕިއަނުންނަކީ އަފްޣާނިސްތާނެވެ. ނަމަވެސް މި އަހަރު އަލަށް އުފެއްދި އޭއެފްސީ އޭޝިއާ ސެންޓްރަލް ޒޯންގެ ދަށަށް މިހާރު އެ ގައުމު ބަދަލުވެފައި ވާއިރު، މި އަހަރަކީ އެ މުބާރާތުގައި އަފްގާނިސްތާނު ވާދަކުރާ އެންމެ ފަހު އަހަރެވެ.

ސާފް ޗެންޕިއަންޝިޕްގެ ތާރީޚުގައި މިހާތަނަށް އެ މުބާރާތް ރާއްޖެއަށް ކާމިޔާބު ކުރެވިފައި ވަނީ ހަމައެކަނި 2008 ވަނަ އަހަރު އެވެ. އެ މުބާރާތް މިހާތަނަށް 10 އަހަރު ބޭއްވިފައި ވާއިރު، އޭގެ ތެރެއިން ހަ އަހަރު އިންޑިއާ ވަނީ އެ މުބާރާތް ކާމިޔާބު ކޮށްފައެވެ.