ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ބައިވެރިވާ ޕެރޭޑެއް ބާއްވަން ނިންމާފައިވާ ކަމަށް މިނިވަން 50 އޮފީހުން މިއަދު ބުނެފި އެވެ.

މިނިވަން 50 އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ "މިނިވަން 50ގެ ދަރިވަރުންގެ ބައިވެރިވުން" ގެ ނަމުގައި ހުރިހާ ސްކޫލެއް ހިމެނޭ ޕެރޭޑެއް މި މަހުގެ 30 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕެރޭޑުގައި 100،000 ސްކޫލު ދަރިވަރުން ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި މާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 30،000 ދަރިވަރުން އެ ޕެރޭޑުގައި ބައިވެރިވާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރިންގެ ތެރެއިން ވީހާ ވެސް ގިނަ ކުދިން މިނިވަން 50ގެ ހަރަކާތްތަކުގައި ބައިވެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، މިނިވަން 50ގެ ހަރަކާތްތައް ގައުމީ ލެވެލް އަދި ސްކޫލު ލެވެލްގެ އިތުރުން އަތޮޅު ލެވަލްގައި ވެސް ކުރިއަށްގެންދާ ކަމަށެވެ.

"މި މަހުގައި މި ބާއްވާ ބޮޑު ހަރަކާތަކީ މިއީ ވަރަށް މުހިންމު މަގުސަދުތަކެއް ހާސިލުވެގެންދާނެ ކަންތައްތަކެއް. އަޅުގަނޑުމެން މި ބިނާ ކުރަނީ ކުދިން. ކުދިން ބިނާ ކުރުމުގައި އެކުދިންގެ ޝަހުސިއްޔަތުގައި ވަރަށް ބޮޑު މުހިއްމު ކަމެއް ދެވިފައި އޮންނަ ކަމެއް އެއީ ގައުމިއްޔަތުގެ ލޯބި އެކުދިންގެ ކިބައިގައި އަށެގެނައުން،" ނަޒީރު ވިދާޅުވި އެވެ.

މިނިވަން 50 ސުކޫލު ކުދިންގެ ޕެރޭޑާއި ގުޅޭ ގޮތުން ޑރ. ނަޒީރު މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

އޭނާ ވިދާޅުވީ އެ ޕެރޭޑުގައި މީގެކުރިން ސްކޫލުތަކުގައި ކިޔަވައި ނިންމައި މިހާރު މުޖުތަމައުއަށް ނުކުމެ ތިބި ފަރާތްތައްވެސް ބައިވެރިވާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ކުދިންނަށް މީގެން ލިބިގެންދާނެ އިބުރަތަކީ އެންމެން އެކީގައި ހިނގާލުމާ އެކީގައި ލިބޭ ހިތްހަމަ ޖެހުމުގެ ތެރެއިން އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންގެ އަތްމައްޗަށް ދޫކޮށްލާފައިވާ މިނިވަންކަމުގެ ހިތްހަމަޖެހުން ވެއްދުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ކަމަކީ. ދެވަނަ ކަމަކީ ގައުމީ ކަންތައްތަކުގައި އަޅުގަނޑުމެން އެންމެން ބައިވެރިވުމުން އެކުދިންނަށް ލިބިގެންދާ ހިތްހަމަ ޖެހުން. ތިންވަނަ ކަމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެއް އަދި މުސްތަގުބަލަށް އަޅުގަނޑުމެން ފޯރުކޮށްދެންޖެހޭ ގައުމީ ތަރިކައެއް،" ނަޒީރު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް ވިދާޅުވީ، ވިލިމާލެއާއި ހުޅުމާލޭގެ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުން މާލެ ގެނައުމުގެ އިންތިޒާމު ވެސް މިނިވަން 50ގެ އޮފީހުން ހަމަޖައްސައިދެއްވާނެ ކަމަށެވެ.

އެކަމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނާ ސިފައިންނާ މާދަމާގެ ވަގުތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.