25 Feb 2011, 18:25
ޓްރިޕޮލީ : ލިބިޔާގެ ޒަޢީމް މުޢައްމަރުލް ގައްޒާފީގެ ދިގުލީ އަނިޔާވެރި ވެރިކަން ވައްޓާލަން މަސައްކަތްކުރާ އެޤައުމުގެ ރައްޔިތުންނަކީ އަލްޤާޢިދާގެ ވެރިޔާ އުސާމާ ބިންލާދިިންއަށް ނިސްބަތްވާ ޓެރަރިސްޓުން ކަމަށް އޭނާ ސިފަކުރައްވައިފިއެވެ.
ލިބިޔާގެ ޓީވީން ރޭ ދުރަށް ފޮނުވި ގައްޒާފީގެ އޯޑިޔޯ ބަޔާނެއްގައި އޭނާ ވިދާޅުވީ އުސާމާ ބިންލާދިން ލީބިޔާ ރައްޔިތުންގެ ސިކުނޑިއާ ކުޅެމުންދާ ކަމަށެވެ. އަދި ގައްޒާފީގެ ވެރިކަން ބަދަލުކޮށްލުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި މީހުންނަކީ އަލްޤާއިދާއަށް ނިސްބަތްވާ މީހުން ކަމަށާއި އެމީހުންނާ ހަނގުރާމަކޮށް އެމީހުންގެ އަތުން ހަތިޔާރުތައް އަތުލައި ވެރިކަން ޙިމާޔަތްކުރުމަށް މަސައްކަތްކޮށް ދިނުމަށް ގައްޒާފީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ މީހުންގެ ބޭނުމަކީ ބިންލާދިން އެދޭގޮތެއްގެ މަތިން ލިބިޔާ ބައިބައިކޮށް އަލްޤާޢިދާއިން ގެންގުޅޭ އިސްލާމީ ހަރުކަށި ޚިޔާލުގެ ވެރިކަމެއް ލީބިޔާގައި ބިނާކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލީބިޔާގެ ހުރިހާ ބާރުތަކެއް ޚުދުމުޚްތާރު ގޮތެއްގައި ގައްޒާފީ ކޮންޓްރޯލްކޮށްގެން ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލައްވައިގެން އުޅޭ މައްސަލައިގެ ދިފާޢުގައި އޭނާ ވިދާޅުވީ ލިބިޔާގެ ވެރިކަމުގެ ހުރިހާ ބާރުތަކެއްވަނީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އޭނާއަކީ ބާރެއްނެތް ހަމައެކަނި ޝަރަފެއް އޮންނަ މަޢްނަވީ ވެރިއެއް ކަމުގައެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ އިސްފަރާތްތަކުން ބުނީ ގައްޒާފީގެ ދޮގުތައް އެއްވެސް މީހަކު ޤަބޫލު ނުކުރާނެ ކަމަށާއި އޭނާގެ އަމިއްްލަ ކައްވަޅު އޭނާގެ އަމިއްލައަތުން ކޮންނެވޭއިރުވެސް އެނގިވަޑައިނުގަންނަވާ ވަރަށް ގައްޒާފީ ވެރިކަމާހެދި މޮޔަވެފައިވާ ކަމުގައެވެ.
ގައްޒާފީ މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އޭނާގެ ވެރިކަން ވެއްޓުމުގެ މަގުމަތީގައިވާ ކަމަށާއި އުސާމާ ބިންލާދިންއޭ އަލްޤާއިދާއޭ ވިދާޅުވެ ރައްޔިތުންނަށް ދެން ހަޤީޤަތް އޮޅުވާނުލެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ގައްޒާފީގެ ބާރުގެ ދަށުން ލީބިޔާގެ ގިނަ ރައްތައް މިހާރުވަނީ މިނިވަންވެފައެވެ. -- އަލްޖަޒީރާ