އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، ގައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުސްތޮފާ ލުތުފީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޑރ. މުސްތޮފާ ލުތުފީ ރޭ ހައްޔަރު ކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުސްތޮފާ ލުތުފީ އާއި ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް އެފެއާޒް އެގްޒެކްޓިވް ސޮބާހް ރަޝީދު ހައްޔަރުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ރޭ ކުރި މުޒާހަރާގައި އެ ދެ ބޭފުޅުންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށެވެ.

އެހެންނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ރޭ އެމްޑީޕީ އިން ކުރި މުޒަހަރާއާ ގުޅިގެން ހައްޔަރު ކުރި މުސްތޮފާ ލުތުފީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި ސޮބާހު ރަޝީދު ހައްޔަރު ކުރީ މުޒާހަރާގެ ތެރެއިން ނޫން ކަމަށާއި އޭނާ ހައްޔަރު ކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މި ސަރުކާރުގެ އަނިޔާވެރި ކަމުގެ ތެރެއިން ޑރ. މުސްތޮފާ ލުތުފީ އަށް ބިރުދައްކައި ޖަލަށްލީ ނަމަވެސް އެމަނިކުފާނަކީ ހައްގުތަކުގެ ދިފާއުގަ އާއި ގާނޫނު އަސާސީގެ ދިފާއުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިގަންނަވާނޭ ބޭފުޅެއް ނޫން ކަމަށެވެ.