ޓެލްއަވީވް (މޭ 4) : އިސްރާއީލުގައި ދިރިއުޅޭ އިތިއޮޕިޔާގެ ޔަހޫދީންނަށް ކުރިމަތިވަމުންދާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އެދަރިކޮޅުގެ އެތަށް ހާސް ބަޔަކު އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގައި ކުރަމުން ގެންދާ އިހްތިޖާޖްތަކާ ގުޅިގެން އޭގެ ތެރެއިން އެތަށްބަޔަކު ހައްޔަރުކޮށްފި އެވެ.


އިސްރާއީލުގެ ފުލުހުން ބުނިގޮތުގައި މުޒާހަރާކުރި މީހުންގެ ތެރެއިން 26 މީހުން ހައްޔަރުކުރީ ފުލުހުންނަށް ޙަމަލާދީ އަނިޔާވެރި މުޒާހަރާތަކަކަށް ބަދަލުވަމުންދާތީ އެވެ. ސައްބީސް މީހުން ހައްޔަރު ކުރުމުގެ އިތުރުން އިސްރާއީލުގެ ފުލުހުން ވަނީ މުޒާހަރާކުރާ އިތިއޮޕިޔާގެ ޔަހޫދީންނާ ދެކޮޅަށް ކަރުނަގޭހާއި ލަޓިބުރި ވެސް ބޭނުންކޮށްފަ އެވެ. މުޒާހަރާކުރާ މީހުންގެ ޙަމަލާތަކުގައި 28 ފުލުހަކަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް އިސްރާއީލުގެ ފުލުހުން ބުނެ އެވެ.

އިތިއޮޕިޔާގެ ޔަހޫދީން ބުނަނީ އިސްރާއީލުގެ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އެމީހުންނާ ދެކޮޅަށް ނަސްލީ ގޮތުން ތަފާތުކޮށް ނަސްލީ އިމްތިޔާޒުގެ އަމަލުތައް ހިންގަމުން ގެންދާކަމުގަ އެވެ. އިތިއޮޕިޔާ ދަރިކޮޅުގެ ޔަހޫދީންނަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވުމަށް ޓަކައި ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި އިތިއޮޕިޔާއިން ގެނައި ބައެކެވެ. އިތިއޮޕިޔާ ދަރިކޮޅުގެ ޔަހޫދީން އިސްރާއީލު ސަރުކާރާ ދެކޮޅަށް އިޙްތިޖާޖްތައް ކުރަމުން ގެންދަނީ ޓެލްއަވީވްގެ ރަބީން މައިދާނުގަ އެވެ. އިސްރާއީލަކީ ނަސްލީ ތަފާތުކުރުން ބޮޑު ގައުމެވެ.

ފަލަސްތީނުގެ ބިންތަކުގައި 1984ގައި އިސްރާއީލެވެކިޔާ ދައުލަތް އުފެއްދުމާ ގުޅިގެން އެގައުމުގެ ވަޒަންވެރިންގެ ގޮތުގައި ހަމަޖެހުނު ފަލަސްތީނުގެ ދަރިކޮޅުގެ މީހުންނާ މެދު ވެސް އިސްރާއީލުން ކަންތައް ކުރަމުން ގެންދަނީ ނަސްލީ އިމްތިޔާޒުގެ އުސޫލުން ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ކަމަށްބުނެ ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލުގެ ރައްޔިތުންވެސް ޝަކުވާ ކުރަމުން ގެންދެ އެވެ. (އަލްޖަޒީރާ)