04 May 2015, 09:45
ފ. ފީއަލީ ކައުންސިލް އިދާރާއާއި އެ ރަށު ކޯޓް ތިޖޫރި ފަޅާލައި ދެ މިލިއަން ރުފިޔާ ވަގަށް ނަގައިފި އެވެ.
ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް މިއަދު ސަން އަށް ވިދާޅުވީ އެ ކައުންސިލް އިދާރާގެ މައި ދޮރާއި ކައުންސިލްގެ ރައީސް އަދި ނައިބް ރައީސް އިންނަވާ ކޮޓަރީގެ ދޮރުފަތް ހަލާކުކޮށްލައިގެން އެ ކައުންސިލްގެ ތިޖޫރީގައި ހުރި ދެ މިލިއަނެއްހާ ރުފިޔާ ވަގަށް ގެންގޮސްފައިިވާ ކަމަށެވެ. އަދި އެ އިމާރާތުގައި ހުންނަ ފީއަލީ ކޯޓުގެ ތިޖޫރި ފަޅާލާފައިވާ އިރު އެ ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފާރެއްގެ ތެރޭގައި ހަރުކޮށްފައި ހުރި އެ ދެ ތިޖޫރި ވެސް ފަޅާލާފައި ވަނީ ދޮރަށް ހަމަލާދީގެންނެވެ.

ފީއަލީ އޮފީހުގެ ތިޖޫރި ފަޅާލާފައި-- ސަން ފޮޓޯ
"ތިޖޫރި [އަކީ ފާރުގައި] ހަރުކޮށްފައި އިންނަ ތިޖޫރިއެއް. ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުންނާނެ. އެންމެ ރުފިޔާއެއްވެސް ނެތް، ހަމައެއްކޮށް ނަގައި ދޮރު ފުނޑާލާފައި ހުރީ،" ޖަލީލް ވިދާޅުވި އެވެ.އަތޮޅުތެރޭ ގިނަ ރަށްތަކުގެ ދައުލަތުގެ އޮފީސްތަކުގައި ސެކިއުރިޓީ ގާޑުން ބޭތިއްބަސް، އެ ކައުންސިލްގައި ސެކިއުރިޓީ ގާޑެއް ނުހުރެ އެވެ.
ޖަލީލް ވިދާޅުވީ ގަބޫލް ކުރެވޭ ގޮތުގައި އެ ވައްކަން ކޮށްފައި ވަނީ ރޭ 12:00 ގެ ފަހުންނެވެ.
އެހާ ގިނަ އަދަދެއްގެ ފައިސާ ތިޖޫރީގައި ބެހެއްޓި ގޮތާ ގުޅޭ ގޮތުން ޖަލީލް ވިދާޅުވީ ކައުންސިލް އިދާރާ އިން އެކައުންޓެއް ހުޅުވަން މަސައްކަތް ކުރުމުން ފިނޭންސް އިން ވަކި އެއްޗެއް އަންގަންދެން އެކަން ނުކުރުމަށް ބުނެފައި ވާތީ އެކައުންޓެއް ނުހުޅުވުނީ ކަމަށެވެ.
ފުލުހުން އެ ރަށަށް ގޮސް އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް މީހަކު އަދި އެ ރަށުން ހައްޔަރު ކޮށްފައިނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ.