ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ "ޖާނަލިސްޓް އޮފް ދަ އިޔާ އެވޯޑު 2014" ހަވީރު ނޫހުގެ މުހައްމަދު ހަމްދޫނާއި ވީޓީވީގެ އަލީ ސުލައިމާނަށް ލިބިއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ނޫސްވެރިންގެ ދުވަހުގެ މުނާސަބުތުގައި ބޭއްވި ހާއްސަ ހަފްލާގައި މި އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ.

ނޫސް މަޖައްލާ ކެޓަގަރީން ހަމްދޫން އެ އެވޯޑު ހާސިލު ކުރީ މިދިޔަ އަހަރު އެ އެވޯޑު ހާސިލުކޮށްފައިވާ ހަވީރު ނޫހުގެ ނޫސްވެރިޔާ ފަޒީނާ އަހުމަދާ ވާދަކޮށެވެ. އެ އެވޯޑަށް ހަވީރު ނޫހުގެ އާސިޔަތު މުހައްމަދު ސައީދު ވެސް ވަނީ ނޮމިނޭޓު ވެފައެވެ. ހަމްދޫނަކީ ހަވީރު ނޫހުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުޅިވަރު ހަބަރު ގެނެސްދޭ ނޫސްވެރިޔާ އެވެ.

ނޫސް މަޖައްލާ ކެޓަގަރީން އެވޯޑު ލިބުނު "ހަވީރު ނޫހުގެ" ހަމްދޫނަށް ނައިބު ރައީސް އެވޯޑު ހަވާލުކޮދެއްވަދެނީ: ސަން ފޮޓޯ/ އަލީ ނަސީރު

ޓީވީ ކެޓަގަރީން ސުލައިމާން އެ އެވޯޑު ހާސިލުކޮށްފައި ވަނީ ޕަބްލިކް ސާވިސް މީޑިއާ ޓީވީއެމްގެ ނޫސްވެރިޔާ އަބްދުﷲ މުއާޒުއާއި ވީޓީވީގެ ނޫސްވެރިޔާ އައިމިނަތު އަމީނާއާ ވާދަކޮށްގެން ނެެވެ.

ޓީވީ ކެޓަގަރީ އިން އެވޯޑު ލިބުނު "ވީޓީވީ" ގެ ސުލައިމާނަށް ނައިބު ރައީސް އެވޯޑު ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ/ އަލީ ނަސީރު

މިރޭގެ ހަލްފާގައި ވަނީ މުޅިން އާ އެވޯޑެއް ތައާރަފުކޮށްފައެވެ. ލައިފް ޓައިމް އެޗީވްމަންޓުގެ ނަމުގައި ތައާރަފު ކުރި މި އެވޯޑު ލިބިފައި ވަނީ ހަވީރު ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިނަށެވެ.

ލައިފްޓައިމް އެޗީވްމަންޓު އެވޯޑް ލިބުނު "ހަވީރު" ނޫހުގެ ޗެއާމަން ޑރ. މުޙައްމަދު ޒާހިރު ހުސައިނަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އެވޯޑު ހަވާލުކޮށްދެއްވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

މިރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަމަށް ފަހިވެފައިވާ ވެއްޓެއް ގާއިމުވެފައި އޮތް ކަމަކަށް "މުޅިން ދެންނެވޭކަށް ނެތް" ކަމަށެވެ.

މޮންދު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމާއި މައުލޫމާތު ފެތުރުމުގެ ފަންނީ މިންތައް ހިފެހެއްޓުމާއި އެފަދަ ކަންކަމަކީ މިއަދުގެ ވެއްޓަށް މުޅިން ފަހިވެފައިވާ ކަމެއް ނޫން ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ދަތިކަން ތަހައްމަލުކޮށް އެ ހޯދާ މައުލޫމާތުވެސް ފުރިހަމަ ނޫސްވެރިކަމުގެ ސިފައިގައި ފެތުރޭނެ ވެއްޓެއް ނެތްކަން ގިނަ ނޫސްވެރިން ފާހަގަކުރަމުންދާ ކަމަށް ވެސް މޮންދު ވިދާޅުވިއެވެ.