ހައްގު ވާހަކަތަކާއި ތެދު މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ފަސްޖެހިވަޑައިނުގަތުމަށް ދިވެހި ނޫސްވެރިންނަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު އިލްތިމާސްކުރައްވައިފި އެވެ.

ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގައި މިރޭ ކުރިއަށްގެންދިޔަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ޖަމީލް ވިދާޅުވީ ހައްގު ގޮތާއި ތެދު މައުލޫމާތު ހާމަ ކުރުމަކީ ކޮންމެ ނޫސްވެރިއެއްގެ ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. ބިނާ ކުރުވަނިވި ފާޑު ކިއުމަކީ މައްސަލައެއް ނޫން ކަމަށާއި ކަންތައްތަކާ ވިސްނާ ހިޔާލު ފާޅު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލިޔަން ޖެހެނީކީ ހަމަ ތިބަފައެއް ނޫން. އަޅުގަނޑުމެން ލިޔަންޖެހެނީ ނުވިސްނައެއް ނޫން. އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެން ވަނީ ވިސްނައި ފިކުރުކޮށް އަޅުގަނޑުމެން ލިޔާ ލިޔުންތަކާ ގެނެސްދޭ މައުލޫމާތުތައް ބިނާ ކުރުން،" ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވި އެވެ.

މިނިވަންކަމާ އެކު ތިމާގެ ހިޔާލު ފާޅުކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމަކީ ވެސް ދުސްތޫރުގައި ހިމެނޭ އަސާސީ ހައްގެއް ކަމަށެވެ.

"އަމުދުން ހަބަރު ފޯދުކޮށްދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި މަސްދަރު ހާމަކުރުމެއް ނެތި މި ހައްގު އަދާ ކުރުމަކީ ދުސްތޫރުން ލިބިދީފައިވާ މުހިންމު ރުކުނެއް. މިއަދު މި މުހިންމު ހައްގު ރާއްޖޭގެ ދުސްތޫރުގައި ބިންވަޅު ނެގިފައިވާއިރު މިފަދަ ހައްގެއް ލިބިދީފައިވަނީ ކީއްވެގެންތޯ ސުވާލު ކުރަން އެބަޖެހޭ. މިއަދުގެ ޑިމޮކްރަސީގައި އައިސްފައިވާ ހަމަތަކަކީ ރައްޔިތުންގެ ފައިދާއަށްޓަކައި އެތަކެއް ގަރުނެއް ވަންދެން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ތަޖުރިބާ ކޮށްފައިވާ ހައްގެއް. އަދި އެ މުޖުތަމައުގައި ގަބޫލުކޮށްފައިވާ ހައްގުތަކެއް،" ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، އެ ހައްގުތަކުގެ ބޭނުމަކީ ތެދާއި ދޮގަކީ ކޮން އެއްޗެއްކަން ބަޔާންކޮށްދިނުން ކަމަށެވެ. ތެދު ހާމަކޮށްދިނުމަކީ މިނިވަން ޑިމޮކްރަޓިކް ނިޒާމެއްގައި ވަރަށް މުހިންމު އަސާސީ ސިފައެއް ކަމަށާއި އެހެންކަމުން މިނިވަން މީޑިއާ ބަލައިގެންފައިވަނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.