އައްޒާވިޔާ ސިޓީ : ލީބިޔާގެ އިރުމަތީ ރައްތަކުގެ އިތުރުން ހުޅަނގުގެ ބައެއް ރަށްތައްވެސް ޤައްޒާފީގެ ކޮންޓްރޯލުން ބޭރުވެ އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންގެ އަތްދަށަށް ހިނގައްޖެއެވެ.

ގައްޒާފީގެ ކޮންޓްރޯލް ގެއްލުނު ލިބިޔާގެ ހުޅަނގުގެ ރައްތަކުގެ ތެރޭގައި ޒުވާރާ އަދި އައްޒާވިޔާ ހިމެނެއެވެ. މިއީ ވެރިރަށް ޓްރިޕޮލީގެ ހުޅަނގުގައިވާ ދެރަށެވެ. އައްޒާވިޔާއަކީ ޓްރިޕޮލީގެ ހުޅަނގުން 50 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ. ގައްޒާފީގެ ބާރުތަކުން އިއްޔެވަނީ އައްޒާވިޔާގެ އެންމެ ބޮޑު މައިދާނުގައި އޭނާއާދެކޮޅަށް އެއްވެފައިވާ ތިރީހަކަށް ހާސްމީހުންނަށް ބަޑިންނާއި އޮޓަމެޓިކް ހަތިޔާރުން ޙަމަލާދީ 16 މީހަކު މަރާލައި އެތަށްބަޔަކު ޒަޚަމްކޮށްލާފައެވެ.

އައްޒާވިޔާގެ އިތުރުން ގައްޒާފީގެ ބާރުތަކުން މިސްރާތާއަށް ވެސް އަރައި އެރަށުގެ އެތަށް ބަޔަކު މެރިއެވެ. ނަމަވެސް އެންމެފަހުން އެރަށުގެ ރައްޔިތުންވަނީ ހަނގުރާމަކޮށްގެން ގައްޒާފީގެ ބާރުތައް އެރަށުން ބޭރުކޮށް އެރަށް މިނިވަން ކޮށްފައެވެ.

ގައްޒާފީއަށް ވަފާތެރި ބާރުތަކުގައި ހިމެނެނީ އޭނާ އުފައްދަވާފައިވާ އަމްނާބެހޭ ޚާއްސަ ބަޔަކާއި ބޭރު ޤައުމުތަކުގެ ކުލީ ސިފައިން ކަމަށް ޚަބަރުލިބެއެވެ. މިބާރުތައް އައްޒާވިޔާއަށް އަރައިގަތުމުން މިބާރުތަކާއި ލިބިޔާގެ އާންމު ރައްޔިތުންނާ ދެމެދު އައްޒާވިޔާގައި ރޭގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގިއެވެ. މިހަނގުރާމައިގާ ރައްޔިތުންގެ އެތަށް ބަޔަކު މަރުވި ނަމަވެސް ގައްޒާފީގެ ބާރުތަކުގެ ކިބައިން އައްޒާވިޔާ މިނިވަންވެ ރައްޔިތުންގެ ކޮންޓްރޯލްގެ ދަށަށް މިހާރު އެރަށް ގޮސްފައިވާކަން އެރަށުގެ ރައްޔިތުން ކަށަވަރުކޮށްދެއެވެ.

އައްޒާވިޔާގެ އިތުރުން ޓްރިޕޮލީގެ އިރުމަތީގައިވާ މިސްރާތާއާއި ހުޅަނގުގައިވާ ޒުވާރާވެސް މިހާރުވަނީ ގައްޒާފީގެ ކިބައިން މިނިވަންވެ ރައްޔިތުންގެ ކޮންޓްރޯލްގެ ދަށުގައެވެ.

ޓްރިޕޮލީން ލިބޭ ޚަބަރުތަކަށް ބަލާއިރު އެރަށްވަނީ ގައްޒާފީއަށް ވަފާތެރި ޚާއްސަ ބާރުތަކާއި ބޭރުކުލީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި ބޮޑުބަޑިއާއި އޮޓަމެޓިކް ހަތިޔާރުން ހަމަލާތައް ދެމުންގެންދާއަޑުތައް އެރަށުން ކެނޑިނޭޅި އިވެމުންދާ ކަމަށް ލިބިޔާގެ ނުސްވެރިއެއް ކަމަށްވާ ޢަބްދުﷲ ޢަބްދުއްރަޙްމާން ހާމަކުރެއްވިއެވެ.

ޓްރިޕޮލީގެ މަގުތަކުގައި ކުލީ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާ ކަމަށާއި އެމީހުން ބައެއް އެޕާޓްމަންޓްތަކާއި ގެތަކަށާއި ހޮސްޕިޓަލްތަކަށްވަދެ މީހުންނަށް ހަމަލާދީ މީހުން މެރުމުގެ ޢަމަލުތައް ހިންގަމުން ގެންދާތީ ރައްޔިތުންތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ލީބިޔާގެ ނުސްވެރިޔާ ވިދާޅުވިއެވެ.

ލީބިޔާގެ އިރުމަތީގެ ހުރިހާ ރަށަކުން މިހާރުވަނީ ގައްޒާފީގެ ކޮންޓްރޯލް ގެއްލި ރައްޔިތުންގެ އަތްދަށުގައެވެ. މިގެތެރޭގައި ބެންޣާޒީއާއި އަލްބައިޟާ ފަދަ އެންމެ އިރުމަތީ ރައްރަށާއި ތެލުގެ ސިނާޢަތުގެ ރައްތައް ކަމަށް އަލްހަރީޤާ، އަލްބްރޭޤާ އަދި ރައްސުލާނޯފް ވެސް ހިމެނޭ ކަމަށް ގައްޒާފީގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.
ޚަބަރުތައް ބުނާގޮތުން ލީބިޔާގެ ހަތަރުބައިކުޅަ ތިންބައިބިން މިހާރުވަނީ ގައްޒާފީގެ އަތްދަށުން މިނިވަންވެ ރައްޔިތުންގެ ކޮންޓްރޯލްގެ ދަށުގައެވެ. -- އަލްޖަޒީރާ