އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ސޮބާހު ހައްޔަރުކޮށްފައި ވަނީ މިރޭ 10:50 އެހާކަންހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި މުޒާހަރާގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.

ސަން އަށް އެނގިފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް މުޒާހަރާތަކުގައި ވާހަކަދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ތިން ބޭފުޅަކު ހައްޔަރުކޮށްފައެވެ. އެއީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.