03 May 2015, 22:32
މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އިތުރުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމާއި ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދުއެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
އެ ދެ މީހުންގެ އިތުރުން އެމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގ. ކީމާ، އަބްދުﷲ ރަޝީދު،49 އާއި މާލޭ ދަފްތަރު މޫސާ ޝަރުމީލު،35 އެވެ. އެ ދެ މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ފުލުސް މީހާއަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން މުޒާހަރާގެ ތެރެއިން ފުލުހެއް ދުވެފައި ދަނިކޮށް މީހަކު ގޮސް އެ ފުލުސް މީހާގެ ފައިގައި ޖަހައި ބިންމައްޗަށް ވައްޓާލަ އެވެ. އެވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ފުލުސް މީހާ އަތުން މުގުރުބުރި އަތުލައި ފުލުސް މީހާގެ ގައިގައި މުގުރުބުރިންނާއި ފައިން ތަޅައި މާރާމާރީ ހިންގާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.
އެ ވީޑިއޯއިން ފެންނަ މީހަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރިމައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.