ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު ރާއްޖޭގައި ނޫސްވެރިކަމަށް ފަހިވެފައިވާ ވެއްޓެއް ގާއިމުވެފައި އޮތް ކަމަކަށް "މުޅިން ދެންނެވޭކަށް ނެތް" ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފު (މޮންދު) ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގައި މިރޭ ކުރިއަށްދާ ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މޮންދު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމާއި މައުލޫމާތު ފެތުރުމުގެ ފަންނީ މިންތައް ހިފެހެއްޓުމާއި އެފަދަ ކަންކަމަކީ މިއަދުގެ ވެއްޓަށް މުޅިން ފަހިވެފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ދަތިކަން ތަހައްމަލުކޮށް އެ ހޯދާ މައުލޫމާތުވެސް ފުރިހަމަ ނޫސްވެރިކަމުގެ ސިފައިގައި ފެތުރޭނެ ވެއްޓެއް ނެތްކަން ގިނަ ނޫސްވެރިން ފާހަގަކުރަމުންދާ ކަމަށެވެ.

"ބާރުގަދަ އަތްތަކުން ގައުމުގެ ލޯ މަތީގައި އަތްއަޅައިގެން ތިބެ ކުރަން ބޭނުންވާ ކަމެއްގެ ވާހަކަ ދައްކައ،ި ގައުމުގެ މޫނުމަތިން އެއަތް ދުރަށްގެންދެވޭ ވަރަށް ދިވެހި ނޫސްވެރިކަން ބާރުވެރި ކުރުވެފައެއް ނެތް. ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ހައިބަތާއި ކަރާމަތާއެކު ހިންދެމިލެވޭނެ ސިއްހަތެއް ދިވެހި ނޫސްވެރިކަމަށް އަދިވެސް ލިބިފައި ނެތް ކަން ވެސް ފާހަގަކޮށްލަން. މިދެންނެވި ފަދަ ދަތި އުނދަގޫ ކަންކަން ދިވެހި ނޫސްވެރިކަމުގެ ހަ ފަރާތުގައި ވެސް އެބަހުރި. އެއީ މައުލޫމާތު ހޯދުން ކަމުގައިވިއަސް މައުލޫމާތު ފެތުރުން ކަމުގައި ވިއަސް. އަދި އެއީ ނޫސްވެރިޔާ މަސައްކަތް ކުރާ އޮފީސް މާހައުލުގައި ކަމަށް ވިއަސް. މިއިން އެއްވެސް ތާކު ނޫސްވެރިކަމަށް ފަހި ވެއްޓެއް ގާއިމްވެފައި އޮތަތީ ދިވެހި ނޫސްވެރިންނަށް ފެނިފައިއެއް ނެތް،" މޮންދު ވިދާޅުވި އެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މޮންދު ވިދާޅުވީ، ވަޒީފާގެ ބިރުވެރިކަމާ އެހެނިހެން ބިރުވެރިކަން ވެސް މިއަދު ދިވެހި ނޫސްވެރިންނަށް ކުރިމަތިވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފަންނީ މިންގަނޑާ ހިލާފުވުމުގެ ބިރު ވެސް ދިވެހި ނޫސްވެރިންނަށް އެބައޮތް ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ސައްހަ މައުލޫމާތު ފެތުރުމަށް އެޅޭ ހުރަސްތަކެއް ނޫސްވެރިންނަށް އެބަހުރި ކަމަށްވެސް މޮންދު ވިދާޅުވިއެވެ.

"ނޫސްވެރިނަށް މިއަދު ވެސް އެ އުޅެނީ އެ މީހުންގެ ނަފްސަށް ހުށަހެޅުމުންދާ އިންޒާރުތަކާއި އެކު. އެކުވެރިއަކު ވުޖޫދުން ގެއްލިފައިވާތަން މިއަދަށް މިއީ 268 ދުވަސް. އެކަމުގެ ކަންބޮޑުވުންތައް އަޅުގަނޑުމެން ހުރިހާ ނޫސްވެރިންގެ އެބަހުރި. ފަންނީ ގޮތުންނާ މާލީ ގޮތުން މުސްތަގުބަލާ މެދު ކުރެވޭ އެތައް ހާސް ސުވާލުތަކަކާ އެކު މިއަދު ނޫސްވެރިން ހަރަކާތްތެރިވަމުން ދަނީ،" މޮންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އަދުގެ ހާލަތުގައި ހުރިހާ ކަމަކަށް ފަހިކަމާއި ރައްކާތެރިކަން އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. ނޫސްވެރިންނާ ނޫސް މަޖައްލާތަކާއި މީޑިއާ ސްޓޭޝަންތަކަށް ރައްކާތެރިކަން ބޭނުންވާ ކަމަށް މޮންދު ވިދާޅުވި އެވެ.