އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފި އެވެ.

އަދާލަތު ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިއާދު ހަމީދު މިރޭ "ސަން" އަށް ވިދާޅުވީ އިއްޔެ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ސަރުކާރުގައި ތިއްބެވި އެޕާޓީއަށް ނިސްބަތްވާ މިނިސްޓަރުންނާއި މިނިސްޓަރުގެ ނައިބުން އިސްތިއުފާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ މަޝްވަރާ މަޖިލީހުގެ 81 ޕަސަންޓު މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

އަދާލަތު ޕާޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުރި އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާ ކޮންމެ ފަހަރަކުވެސް ސަރުކާރުގެ ދިފާއުގައި ވާހަކަފުޅުދައްކަވާފައި އެވެ.

އިއާދު ވިދާޅުވީ އެގޮތަށް މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް އިސްތިއުފާ ނުދެއްވާ ފަރާތްތަކާ މެދު ވަކި ފިޔަވަޅެއް އެޅުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިހެން ނިންމާފައިވާއިރު އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަނީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ ރޭ 15 ދުވަސް ވެސް ޖަހާދީފައި އެވެ.

އަދާލަތު ޕާޓީ އިސްވެ އޮވެ މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް އިސްލާމް ދީނުގައި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

" ކަންކަން ރަނގަޅު ކުރުމަށް އިސްލާމް ދީނުގައި އެބަހުރި ގޮތްތަކެއް ކަނޑައެޅިފައި. ދީނުގައި އޮތް ހެޔޮގޮތަކީ، ވެރީންނަށް މަޝްވަރާ ދިނުން، ލަފާދިނުން. އެނޫން ގޮތަކަށް އެކަން ކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.