ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެ ބާކީ ތިންމެޗު އޮއްވައި، އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ޗެލްސީ ކަށަވަރުކޮށްފި އެވެ.

މިރޭގެ މެޗުން އެޓީމު މޮޅުވުމުން ލިބިނު 3 ޕޮއިންޓާއެކު މިހާރު އެޓީމަށް ވަނީ ޖުމުލަ 83 ޕޮއިންޓް ލިބިފައެވެ.

ކްރިސްޓަލް ޕެލަސްއާ ޗެލްސީ މިރޭ ކުޅުނު މެޗްގެ ތެރެއިން: މިމެޗުން މޮޅުވުމުން އެޓީ ވަނީ ލީގް ކަށަވަރުވެފައި --- ފޮޓޯ/ އޭޕީ

ޗެލްސީ ކުރިއަށް އޮތް ތިން މެޗުން ބަލިވެ، އެޓީމްގެ ފަހަތުން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ، ޕޮއިންޓްގެ ގޮތުން އެޓީމާ އެއްވަރަށް ޕޮއިންޓް ލިބިގެން ތިން ވަނައިގައި އޮތް އާސެނަލް ކުރިއަށް އޮތް މެޗްތަކުން މޮޅުވިނަމަވެސް ޗެލްސީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ނުކުރެވޭނެއެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުން މެޗަށްފަހު ޗެލްސީއަށް ލީގް ކަށަވަރުވުމުން އެޓީމްގެ ކުޅުންތެރިން އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ސިޓީއާއި އާސެނަލް މިއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 67 ޕޮއިންޓެވެ. އެގޮތުން އާސެނަލަށް ބާކީ އޮތް 5 މެޗުން މޮޅުވެގެން ވެސް އެންމެ ގިނަވެގެންވެސް ލިބޭނީ 82 ޕޮއިންޓެވެ. އަދި ސިޓީއަށް ބާކީ އޮތް ހަތަރު މެޗުން މޮޅުވެގެންވެސް ލިބޭނީ 79 ޕޮއިންޓެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗްގައި ޗެލްސީގެ ލަނޑު ފުރަތަމަ ހާފްގެ 45 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިސީޒަންގެ އިނގިރޭސި ވިލާތުގައި ކުޅޭ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ބެލްޖިއަމްގެ އެޑެން ހެޒާޑެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗްގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ ހެޒާޑް ކުރިއަށް ފޮނުވާލަނީ --- ފޮޓޯ/ އޭޕީ

ހެޒާޑް މިލަނޑު ކާމިޔާބުކުރީ ޗެލްސީއަށް ލިބުނު ޕެނަލްޓީ އޭނާ ކުރިއަށް ފޮނުވާލި ނަމަވެސް ކްރިސްޓަލް ޕެލަސްގެ ކީޕަރު ހޫލިއަން ސްޕެރޮނީ ދިފާއު ކުރުމުން އެނބުރި ނިކުތް ބޯޅަ ބޮލުން ޖަހައި ކްރިސްޓަލްގެ ގޯލަށް ފޮނުވާލައިގެންނެވެ.

މިޕެނަލްޓީއަކީ ކްރިސްޓަލްގެ ޕެނަލްޓީ އޭރިއާތެރެއިން ހެޒާޑަށް މެކާތާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މިއީ މިސީޒަންގައި ހަޒާޑް ފޮނުވާލީ ޕެނަލްޓީއެއް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. މިހާތަނަށް މިސީޒަންގައި ހެޒާޑް ވަނީ ނުވަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗްގައި ލަނޑު ޖެހުމަށްފަހު ހެޒާޑް އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

މިއީ ޗެލްސީ ޕްރިމިއާ ލީގް ކާމިޔާބު ކުރި ހަތަރު ވަނަ ފަހަރެވެ. އޭގެ ތެރެއިން ތިން ފަހަރު އެޓީމަށް މުބާރާތް ކާމިޔާބުކޮށްދިނީ މިހާރުގެ ކޯޗް ހޯސޭ މޮރީނިއޯއެވެ.

މޮރީނިއޯ ޗެލްސީއަށް ލީގް ކާމިޔާބުކޮށްދިނީ މީގެ ކުރިން ޗެލްސީގެ ކޯޗްގެ މަޤާމު 2004 ވަނަ އަހަރުން 2007 ވަނަ އަހަރާއި ހަމަޔަށް އަދާކުރިއިރުއެވެ.

އެގޮތުން މޮރީނިއޯ ވަނީ ޖެހިޖެހިގެން ދެ ސީޒަންގައި ޗެލްސީއަށް ޕްރިމިއާ ލީގް ކާމިޔާބުކޮށްދީފިއެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުން މެޗަށްފަހު ޗެލްސީއަށް ލީގް ކަށަވަރުވުމުން އެޓީމްގެ ކުޅުންތެރިން އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

އެއީ 2004-2005 ވަނަ އަހަރު ސީޒަނާއި 2005-2006 ވަނަ އަހަރުގެ ސީޒަނުގައެވެ.

އަނެއް މުބާރާތް ކާމިޔާބުކޮށްދިނީ ކުރިން ޗެލްސީއަށް ކޯޗް ކޮށްދިން ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗް ކާލޯ އަންޗަލޯޓީއެވެ. އެއީ 2009-2010 ގެ ސީޒަންގައެވެ.

ޕްރިމިއާ ލީގް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. އެޓީމްވަނީ މިމުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައެވެ.