އިޓާލިއަން ސެރިއާ އޭ ނުވަތަ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެ ހަތަރު ވަނަ ފަހަރަށް ޔުވެންޓަސް ހޯދައިފި އެވެ.

ލީގު ޗެމްޕިއަންކަން ޔުވެންޓަސް ކަށަވަރުވީ ރޭ ސަމްޕްޑޯރިއާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި 34 މެޗުން 79 ޕޮއިންޓް ލިބުމުން، ޔުވެންޓަސްއަށްވުރެ އެއް މެޗުން މަދުން ކުޅެގެން ތާވަލުގެ ދެ ވަނައިގައި 62 ޕޮއިންޓް ލިބިފައިވާ ލާޒިއޯ މިރޭ އެޓްލާންޓާއާ ދެކޮޅަށް ކުޅޭ މެޗާއި އަދި ލީގުގައި ކުރިއަށް އޮތް ހަތަރު މެޗުން މޮޅުވިޔަސް ޔުވެންޓަސްއާ ޕޮއިންޓުގެ ގޮތުން އަރައި ހަމަ ނުކުރެވޭނެތީއެވެ.

ރޭ ސަމްޕްޑޯރިއާގެ މެޗުން މޮޅުވުމުން ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ/އޭޕީ

އިތުރު ހަތަރު މެޗު ކުރިއަށް އޮއްވައި ޔުވެންޓަސްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވި މެޗުން މޮޅުވި ލަނޑު ޖަހައިދިނީ ޗިލީގެ ޤައުމި ޓީމުގެ މިޑްފީލްޑަރު އަރުތޫރު ވިޑާލްއެވެ.

މިމެޗުން މޮޅުވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވަނީ ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އަލެގްރީއަށެވެ. މިދިޔަ އަހަރު ޖުލައި މަހު ޔުވެންޓަސްގެ ކޯޗަކަށް ހުރި އިޓަލީގެ ޤައުމީ ޓިމުގެ މިހާރުގެ ކޯޗް އަންޓޭނިއޯ ކޯންޓޭ ޔުވެންޓަސްގެ ކޯޗްކަމުން އިސްތިއުފާ ދިނުމުން، އަލެގްރީއާ ކޯޗްކަން ހަވާލުކުރުމުން އޭނާއަކީ ކޯންޓޭއާ އަޅާ ބަލާއިރު ތަޖުރިބާ މަދު ކޯޗެއް ކަމުގައި ބުނެ ޔުވެންޓަސްގެ ސަޕޯޓަރުންވަނީ ފާޑު ކިޔާފައެވެ.

ޔުވެންޓަސްއަށް ލީގު ކަށަވަރުވި މެޗްގައި ލަނޑު ޖެހުމަށްފަހު އަރުތޫރު ވިޑާލް އުފާފާޅު ކުރަނީ --- ފޮޓޯ/އޭޕީ

ނަމަވެސް މިސީޒަންގައި އަލެގްރީ އޭނާއާ މެދު ސަޕޯޓަރުން ކީޔާފައިވާ ފާޑުތަކަށް ވަނީ ރައްދު ދީފައެވެ. އެއީ މިސީޒަންގެ އިޓާލިއަން ލީގު ޗެމްޕިއަންކަން ޔުވެންޓަސްއަށް ކަށަވަރު ކޮށްދިނުމާއި، 12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގްގެ ސެމީފައިނަލަށް ޔުވެންޓަސް ގެންގޮސްދިނުމާއި އިޓާލިއަން ކަޕްގެ ފައިނަލަށް ޔޫވެންޓަސް ގެންގޮސްދީފައިވުމުންނެވެ.

ރޭ ޔުވެންޓަސްއާ ސަމްޕްޑޯރިއާ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ/އޭޕީ

ޗެމްޕިއަންސް ލީގު ސެމީފައިނަލްގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެޓީމް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ.