25 Feb 2011, 17:51
ރިޔާޟް : ޢަރަބި ޤައުމުތަކުގެ ޚުދުމުޚްތާރު ވެރިންނާދެކޮޅަށް އެޤައުމުތަކުގެ ރައްޔިތުން ތެދުވަމުންދާ މައްސަލައަށް ބައްލަވައި ސަޢޫދީ އަރަބިޔާގެ ވެރިކަމުގެ ނިޒާމަށް އިސްލާޙީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސައޫދީ ތަޢްލީމީ ޒުވާނުންގެ އެތަށް ބަޔަކު އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ އަށް ގޮވާލައިފިއެވެ.
ސަޢޫދީ ތަޢްލީމީ ޔާފްތާ ޒުވާނުން ތަމްޘީލްކުރާ އިސް 23 މީހަކު ސޮއިކޮށް ޢަބްދުﷲ ރަސްގެފާނަށް އިއްޔެ ފޮނުއްވި ބަޔާނެއްގައި ޢަރަބި ޤައުމުތަކުގެ ވެރިކަން ފަސާދައާއި ޚުދުމުޚްތާރުކަމަށްގޮސް ހުސްވެފައިވުމުގެ ސަބަބުން ތޫނިސް، މިސްރު، ލީބިޔާ، ޔަމަން އަދި ބަޙްރައިންފަދަ ޢަރަބި ޤައުމުތަކުގައި ހިނގަމުންދާ ލެއޮހޮރުވުންބޮޑު ދާޚިލީ ގަޑުބަޑުތަކަށް ބައްލަވައި ސަޢޫދީ އަރަބިޔާގައި އެފަދަކަމެއް ހިނގިޔަނުދިނުމަށް ދުރާލައި ވިސްނަވައިގެން އިސްލާހީ ފިޔަވަޅުތަކެއް އެޅުއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.
މިބަޔާނުގައި، ސަޢޫދީ އަރަބިޔާގައި މިހާރުއޮތް ވެރިކަމުގެ ބޯދާ ނިޒާމް އިސްލާޙްކުރުމަށްޓަކައި ސްޓްރެޓީޖިކް ފިޔަވަޅުތަކެއް އެޅުމަށް އިޝާރާތް ކޮށްފައިވެއެވެ. މިފިޔަވަޅުތަކުގެ ތެރޭގައި ރައްޔިތުންގެ ފަރާތުން އިންތިޚާބު ކުރެވޭ ބައެއް (ޕާލަމެންޓެއް) ގެ މަޝްވަރާއާއެކު ވެރިކަންކުރާ ގޮތަށް ވެރިކަމުގެ ސިޔާސީ ނިޒާމު އިސްލާހް ކުރުމާއި ސަޢޫދީ މުޖްތަމަޢުގައި މޫލާފައިވާ ކޮރަޕްޝަންފަދަ ކަންތައްތައް މަދުކުރުމަށްޓަކައި ފާރަވެރި އިދާރާތައް އުފެއްދުމާއި ޤާނޫނީ ވެރިކަމެއްގެ އަސާސްތައް ވަރުގަދަކޮށް ޤާނޫނީ މުއައްސަސާތައް ވުޖޫދަށް ގެނައުން ހިމެނެއެވެ.
މީގެ އިތުރުން ޢަދްލު އިންސާފުގެ ދާއިރާ މުސްތަޤިއްލުކޮށް ހައިކޯޓާއި ސްޕްރީމް ކޯޓުގެ ނިޒާމެއް އުފެއްދުމާއި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމް ކުރުމާއި ފަރުދީ ހައްޤުތައް ކަށަވަރުކޮށްދިނުމާއި އަންހެނުންގެ ޙައްޤުތައް ފަދަ ކަންތައްތައް ފުރިހަމަކޮށްދިނުމުގެ މުހިއްމުކަން މިބަޔާނުގައި ޢަބްދުﷲ ރަސްގެފަނުގެ ސަމާލުކަމަށް ގެނަސްފައިވެއެވެ.
މިބަޔާން ޢަބްދުﷲ ރަސްގެފާނަށް މިފޮނުވީ މައިބަދައިގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް އޭނާ ދޮޅުމަހެއްހާ ދުވަހު އެމެރިކާގައި ހުންނަވާފައި އަރާމުކުރެއްވުމަށްޓަކައި ޢަރަބި ޤައުމެއް ކަމަށްވާ މަޣްރިބްގައި އިތުރު ދޮޅު މަސްދުވަހު މަޑުކުރެއްވުމަށްފަހު އިއްޔެ އެނބުރި ޤައުމަށް ވަޑައިގަތް ވަގުތާ ދިމާކޮށެވެ.
ސަޢޫދީ އަރަބިޔާއަކީ ވިރާޘީ ޢާއިލީ ރަސްކަމެއް ކުރާ ޤައުމެކެވެ. އިޤްތިސާދީ ތަނަވަސްކަން ސަޢޫދީ އަރަބިޔާގައި ކިތަންމެ ބޮޑުވެފައި އިޤްތިސާދީ ހަރަކާތައްތައް ޒަމާނީ ވެފައިވީ ނަމަވެސް ވެރިކަމުގެ ޒަމާނީ ނިޒާމެއް އަދި ދަސްތުރީ ވެރިކަމުގެ އެއްވެސް އަސާސެއް އަދި މުއައްސަސާއެއް އެޤައުމުގައި ނެތެވެ.
ސަޢުދީ ވެރިކަމުގެ ނިޒާމަކީ ފަރުދީ ޚުދުމުޚްތާރު އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ބަދަވީ އަދި ޤަބަލީ ވިސްނުމުގެ ބޯދާ ރަސްކަމެކެވެ. ވެރިކަމުގެ ހުރިހާ ބާރުތަކެއް އޮންނަނީ ވިރާޘީ ގޮތުން ވެރިކަންލިބޭ ރަސްގެފަނެއްގެ އޮތްޕުޅުމަތީގައެވެ. އޭނާ ހުންނަވަނީ ރައްޔިތުންނަށް ފާޑު ނުކިޔޭގޮތަށް ހުރިހާ ރައްޔިތުންނަށްވުރެ މަތީގައެވެ. -- އަލްޖަޒީރާ