12 Apr 2010, 11:12
14:30
އުމުރަށް ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާއަކަށް ސްރީލަންކާއަށް ފޮނުވުމުން، ފާރަޔަށް ތިބި ސިފައިންނަށް ފިއްލަވައިގެން ސްވިޒަލެންޑަށް ވަޑައިގަތީ އެނބުރި ރާއްޖެ ވަޑައިގެންފިނަމަ އަވަހާރަކޮށްލަފާނެކަމުގެ ބިރުވެރިކަން އޮތުމުން ކަމަށް ސަންދާނު ލުތުފީ ވިދާޅުވެއްޖެ އެވެ.
ދެހާސް އެއް ވަނަ އަހަރު ޝާއިޢުކުރަން ފެށި ސަންދާނު އިންޓަނެޓް ޕޮލިޓިކަލް ނިއުސް ބުލެޓިންއާ ގުޅޭ މައްސަލައަކާއި، އެހެން ބައެއް މައްސަލަތަކާ ގުޅުވައިގެން ސ. ހިތަދޫ، ފެންމުލި، އިބްރާހީމް މޫސާ ލުޠުފީ ޢުމުރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން ކޮށްފައިވައިވާ ޙުކުމު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ މައާފުކޮށްދެއްވުމާ ގުޅިގެން ސަންއެފްއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ލުތުފީ ރޭ ވިދާޅުވީ، ސަންދާން ނޫސް ނެރުނު މައްސަލާގައި އޭނާ ހައްޔަރުކުރުމަށް އޭރުގެ ސަރުކާރުން މަސައްކަތްކުރާކަން އެނގިވަޑައިގަތުމުން ރާއްޖެއިން ފިލާވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެކަމާ ކުރިމަތިލައްވަން ތައްޔާރަށް ހުންނަވަނިކޮށް، ހައްޔަރުކޮށް، ހުކުމްކޮށް ޖަލަށްލުމުން، އެންމެ ފަހުން ފިލާވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖަލުގައި އޭނާ އަށް ތަފާތު އަނިޔާތައް ލިބިވަޑައިގަންނަވަމުން ދިޔުމުން ކަމަށް އ.ދ.ގެ ރެފިއުޖީއެއްގެ ޙައިސިއްޔަތު ހޯއްދަވައިގެން 2003 އިން ފެށިގެން ފާއިތުވި ހަތް އަހަރު އާއިލާއާ އެކު ސްވިޒަލޭންޑުގައި ދިރިއުޅުއްވާ އުމުރުން 45 އަހަރުގެ ލުތުފީ ވިދާޅުވި އެވެ.
އެގޮތުން ޗޭނު ޖަހައިފައި 11 ދުވަސް ވަންދެން ހިރިނުލެއްވޭނެ ގޮތަށް ބަނދެފައި ލުތުފީ ބޭއްވި ކަމަށް ޖަލުގައި އޭރު ތިބި 500 އެއްހާ މީހުން ހެކިވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ލުތުފީއަށް ލިބިވަޑައިގެންނެވި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކަށް ބޭސްފަރުވާ ކުރެއްމަށް ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އޭރުގެ ސަރުކާރުން އެންމެ ފަހުން ހުއްދަ ދިނީ، ލުތުފީގެ އެއް ލޯ މުޅިން ހަލާކުވާން ކައިރިވެފައި ވަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބޭސްފަރުވާއަށް ސްރީލަންކާގައި ހުންނެވިއިރު، ސިފައިންނަށް ފިލައިގެން ސްވިޒަލެންޑަށް ވަޑައިގަތީ އަނބުރާ ރާއްޖެ ވަޑައިގެންފިނަމަ އޭނާ އަވަހާރަކޮށްލާނެ ކަމުގެ ނުވަތަ ސިކުނޑި ހަލާކުކޮށްލާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
ސިފައިންނަށް ފިލައިގެން ސްވިޒަލެންޑަށް ވަޑައިގަތުމުގައި ކުރެވުނު ތަޖުރިބާތައް ވެސް ލުތުފީ ވަނީ ސަންއެފްއެމާއެކު ރޭ ހިއްސާކުރައްވާފަ އެވެ.
ލުތުފީ ސިފަކުރައްވާ ގޮތުގައި، އޭނާ އުމުރަށް ޖަލަށް ލުމަށް 2001 ވަނަ އަހަރު ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމަކީ އެއްވެސް އަދުލުވެރި ޝަރީއަތަކާ ނުލައި ކުރި ނާއިންސާފުވެރި ހުކުމެކެވެ. އަދި އިންސާފުވެރި ޝަރީއަތެއް ބޭއްވި ނަމަ އެގޮތަށް ހުކުމް ނުކުރެވުނީސް ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ. ލުތުފީ ވިދާޅުވާ ގޮތުގައި، އޭރު އެންމެންވެސް ދުލާއި ގަލަމުގެ ބޭނުންކުރައްވައިގެން، ބުއްދިއަށް ފެންނަ ހިޔާލުތަކާއި ކަންތައް ހިންގަމުންދާ ގޮތާ ގުޅޭ ގޮތުން އެއްޗެހިތަކެއް ލިޔުއްވީ އޭރާއި އަދި މިހާރުގެ ޤާނޫނު އަސާސީގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ލުތުފީގެ ކައިވެންޏަށް ލިބިވަޑައިގަތް ހަތަރު ބޭފުޅުންނާއެކު އޭނާ ސްވިޒަލެންޑުގައި ސިޔާސީ ރެފިއުޖީއެއްގެ ހައިސިއްޔަތުން ދިރިއުޅުއްވާތާ ހަތް އަހަރަށްފަހު އިއްޔެ މިނިވަންކަން ލިބިވަޑައިގަތުމުން އޭނާ ވަރަށް އުފާކުރައްވަ އެވެ. ލުތުފީ ވިދާޅުވާ ގޮތުގައި އޭނާއަށް މިނިވަންކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ނަމަވެސް، ޤާނޫނާއި ގަވާއިދުގެ ދަށުން އެކަންތައް ހަމަޖެހެންދެން ކެތްތެރިވެވަޑައިގަތީ އެވެ. އަދި މާ ލަހެއްނުވެ، އާއިލާ އާއި ރަހްމަތްތެރިންނާ ބައްދަލުކުރެއްވުމަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ.