ގޭންގުތައް ގެންގުޅެނީ ޕީޕީއެމުން ނޫން ކަމަށާއި ގޭންގުތައް ގެންގުޅޭ ފަރާތްތައް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއިން ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިއްގަރު ދާއިރާގެ ކެންޕޭނަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ގޭންގަކީ ވަކި ގްރޫޕަކަށް ކިޔާ ނަމެއް ނޫން ކަމަށާއި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރޭގައި ފުލުހަކަށް އަނިޔާދިނުމުން ވަރަށް ރީއްޗަށް ގޭންގުތައް ގެންގުޅެނީ ކޮންބައެއް ކަން ފެނިގެން ހިގައްޖެ ކަަމަށެވެ.

"ގޭންގު މިއަދު އޮތީ އެމްޑީޕީއާ އަދާލަތާއި ޖޭޕީގެ ތެރޭގައި. އެ ދުވަހުގެ މުޒާހަރާއަކީ ވަރަށް ވެސް ނުރައްކާތެރި މުޒާހަރާއެއް. ނުރައްކާތެރިއޭ ދަންނަވަން މިޖެހުނީ އެ ދުވަހު އަތޮޅުތެރޭގައި ތިބި ރައްޔިތުންނަށް އޮޅުވާލައިގެން ގެނެސް، ގައުމީ ސަލާމަތީ ބާރުތައް ހަވަރަށް ދިނުން. ގައުމުގެ ސަލާމަތީ ބާރުތައް ހަވަރަށް ދިން މަންޒަރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެނުނު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ދިވެހި ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރުދަންނަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެ ދުވަހު ބޭއްވި މުޒާހަރާގައި ނުކުތް މީހުންގެ ތިން ގުނަ ނުކުތް ނަމަވެސް ގައުމީ ދިފާއީ ބާރުތަކުގައި އެ ފަރާތްތައް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ލިބިގެންވާ ކަމަށެވެ.