ޕެރިސް (މޭ 3): ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުޑަވެ މިނިވަން ނޫސްވެރިކަމުގެ ފުރުސަތު ދުނިޔޭގެ ކަންކޮޅުތަކުގައި ހަނިވަމުންދާކަމަށާއި މިކަމާމެދު ހިތާމަ ކުރައްވާކަމަށް ޔުނެސްކޯގެ ޑައިރެކްޓަރ ޖެނެރަލް އިރިނާ ބޮކޯވާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފެންވަރުގައި 1993 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުންގެންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ބަޔާނެއްގައި ބޮކޯވާ ވިދާޅުވީ، މިމުނާސަބާ ފާހަގަ ކުރަމުން ގެންދާތާ ވިހި އަހަރު ވެފައިވާއިރުވެސް ގިނަ ގައުމުތަކުގައި މިނިވަން ނޫސްވެރިކަން ރަނގަނޅުވުމުގެ ބަދަލުގައި އެކަން ހީނަރުވުމާއި މިނިވަން ނޫސްވެރިންނަށް ލިބޭ ގެއްލުމާއި އަނިޔާތައް އިތުރުވަމުންދާކަން ފާހަގަ ކުރެވޭކަމުގައެވެ.

ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 1993 ވަނަ އަހަރު ގެ މޭ 3 ގައި އދ.ގެ ޖެނެރަލް އެސެމްބްލީން ފާސްކުރި ގަރާރަކާ ގުޅިގެންނެވެ. މިގަރާރާ އެއްގޮތަށް ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމުގެ މަސައްކަތް އދ.ގެ ފަރާތުން ރަސްމީ ސިފައެއްގައި ކުރަމުން ގެންދަނީ ޔުނެސްކޯއިންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފްރީޑަމް ހައުސް އިންވެސް ވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ނޫސްވެރިންނަށް ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށް ބުނެފައެވެ. އެޖަމިއްޔާއިން ކުރި ސާވޭއަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ފާއިތުވި 10 އަހަރު ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަންވަނީ ދިހަ އަހަރު ފަހަތަށް ޖެހިފައެވެ.

މިނިވަން ނޫސްވެރިކަމަށް ގޮންޖެހުންތައް ކުރިމަތި ކުރުވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުތަކުގެ އިތުރުން ކުށްވެރިންނާއި ހަތިޔާރުއެޅި ޖަމާއަތްތަކާއި އަދި މީޑިއާތައް ކޮންޓްރޯލްކުރާ ކުންފުނިތަކާއި މަހުޖަނުންވެސް ހިމެނޭ ކަމަށާއި މިހުރިހާ ފަރާތްތަކަކީވެސް މިނިވަން ނޫސްވެރިންނަށް ހުރަސްތައް ކުރިމަތިކުރުވާ ފަރާތްތައްކަން އެޖަމިއްޔާއިން ކުރި ސާވޭން ހާމަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ރަނގަނޅުކަމަށް ބުނާ ޔޫރަޕްގެ ގައުމުތަކުގައިވެސް ފާއިތުވި 10 އަހަރު ތެރޭގައި ވަނީ އެ މިނިވަންކަން ކުޑަވެފައެވެ. ޔޫރަޕްގައި ނޫސްވެރިކަމުގެ މިނިވަންކަން ކުޑަވެފައިވަނީ ޓެރަރިޒަމާއި އިދިކޮޅު ހަރުކަށި ގާނޫނުތަކުގެ ސަބަބުންނާއި ކުންފުނިތަކާއި ލޮބީ ގްރޫޕްތަކުގެ ފިއްތުންތަކުގެ ސަބަބުންނެވެ.

ފާއިތުވި 10 އަހަރުތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުޑަވެގެންދިޔަ ގައުމުތަކުގެ ލިސްޓުގައި އެމެރިކާވެސް ހިމެނެއެވެ. އެމެރިކާގެ މީޑިޔާއަކީވެސް ބޮޑެތި ކުންފުނިތަކާއި މަހުޖަނުންނާއި ޒަޔަނިސްޓް ލޮބީފަދަ އަމިއްލަ އެދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އެއްޗެކެވެ. އެހެންކަމުން އެމެރިކާއަކީވެސް ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމަ ގައުމަކަށް ނުވާކަމަށް ފްރީޑަމް ހައުސްގެ ސާވޭން ހާމަވެފައި ވެއެވެ.

މި ސާވޭގެ ނަތީޖާ ދައްކާގޮތުން ދުނިޔޭގެ ގައުމުގެ ތެރޭން މިނިވަން ނޫސްވެރިކަން އޭގެ ހަގީގީ މާނައިގާ އޮތީ އެންމެ 63 ގައުމުގައެވެ. އަދި މެދުމިނުގެ މިނިވަންކަން 71 ގައުމެއްގައި އޮތްއިރު 65 ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަން ވެސް މިސާވޭން ހާމަވެފައިވެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ކޮންމެވެސް ވަރަކަށް ރަނގަނޅަށް އޮތުމަށްފަހު ފާއިތުވި 10 އަހަރު ތެރޭގައި ވަރަށް ބޮޑަށް ފަހަތަށްދިޔަ ގައުމުތަކުގެ ތެރޭގައި ހޮންޑިއުރަސް، ޕެރޫ، ވެނެޒުއެލާ، މެކްސިކޯ އަދި އިކުއެޑޯ ހިމެނެ އެވެ.

ނޫސްވެރިކަން ކޮންޓްރޯލް ކުރާ ގައުމުތަކުގެ ތެރޭގައި އުތުރުކޮރެޔާ، ޗައިނާ، ރަޝިޔާ، ސީރިއާ، އަލްޖަޒާއިރު، ނައިޖިރިޔާގެ އިތުރުން އެފްރިކާއާއި އޭޝިޔާގެ އެތަށް ގައުމެއް ހިމެނެއެވެ. (ނޫސްއެޖެންސީތައް)