03 May 2015, 16:56
ދިރާގުން އިންތިޒާމުކޮށްގެން ޖެހިޖެހިގެން ނުވަ އަހަރު ވަންދެން ބާއްވަމުން އައިސްފައިވާ "ދިރާގު ރޯޑް ރޭސް" އަންނަ ޖޫން މަހު 12 ވަނަ ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
އިންޓަނޭޝަނަލް ރަން އެއްގެ ގޮތުގައި މިހާރު މަގުބޫލުކަން ހޯދާފައިވާ އެ ރޭހަށް މިފަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ޑެޑިކޭޓް ޔުއާ ރަން ޓު ޕްރޮޓެކްޓް ޗިލްޑްރަން" އެވެ.
އެގޮތުން ދިރާގުން މިހާރު ވަނީ ރޯޑް ރޭހުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުންwww.dmrr.mvމެދުވެރިކޮށް ރޯޑްރޭހުގައި އޮންލައިންކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ރޯޑްރޭހުގައި މިފަހަރު ދުވާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ 10 ކިލޯ މީޓަރާއި ފަސް ކިލޯމީޓަރުގެ ދުވުމެވެ. އެއިން ކޮންމެ ބަޔަކަށް ވެސް އެއް ވަނަ ދެވަނަ އަދި ތިންވަނަ އިނާމު ދޭނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ދިރާގު ރޯޑްރޭހުގެ ޕާޓްނަރުންނަށް ހަނދާނީ ފިލާ އެރުވުމަށް މިއަދު މެންދުރު ވަނީ ދިރާގު ހެޑް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެގޮތުން މި އަހަރު ރޯޑްރޭސް ބާއްވަނީ އަމިއްލަ ގޮތުން ހަރަކާތްތެރިވާ އަށް ޖަމިއްޔާއަކާ ގުޅިގެންނެވެ.
ދިރާގު ރޯޑްރޭހުގެ މި އަހަރުގެ އޮފިޝަލް ޕާޓްނަރުންނަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ އިތުރުން އެއިމްސް އެވެ.
މުޅި ދުނިޔެއަށް ހުޅުވާލައިގެން ބާއްވާ ބޮޑު ރޯޑްރޭހުގައި ބައިވެރިވެވޭނީ ޖުމްލަ 3000 ބައިވެރިންނަށް ކަމަށް ދިރާގުން ބުނެ އެވެ.