03 May 2015, 15:57
މަސްވެރިކަމުގެ ކޯޕަރޭޓިވްއަށް ޒުވާނުން އަހުލުވެރި ކުރުވުމުގެ ގޮތުން ޅ. ނައިފަރުގައި ޕްރޮގްރާމެއް ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން ބުނީ އެފަދަ ކޯހެއްގެ ބޭނުމަކީ ޖަމާއަތެއްގެ ގޮތުގައި މަހާއި މަހުގެ އުފެއްދުންތައް އުފައްދައި ތަރައްގީ ކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ބައިވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ނައިފަރު ރައްޔިތުން އަމިއްލަ އުފެއްދުން އުފައްދައި ތަރައްގީ ކުރަން ބޭނުންވާ ނައިފަރު ކޯޕަރޭޓިވް ސޮސައިޓީ ބާރުވެރިކުރުވާއި އެ ސޮސައިޓީގެ މަގުސަދުތައް ހާސިލު ކުރުމަށް އެހީތެރިވެދޭނެ ބަޔަކު ތަމްރީނު ކުރުމެވެ.
މިނިސްޓްރީ އިން ބުނީ މަސްވެރިކަމަކީ ޒުވާނުން ޝައުގުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލު ކުރުމަށް މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެއާ ވިޔަފާރިގެ ފުރުސަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ކޯހުގައި ހިމެނޭނީ ކްލާހުގައި ކިޔަވއިދޭ ބައިގެ އިތުރުން އަމަލީ ގޮތުން ތަޖުރިބާ ހޯދުމުގެ ބައި ކަމަށެވެ. އެގޮތުން މަހުން ތައްޔާރު ކުރެވިދާނެ ތަފާތު އުފެއްދުންތައް ކޯހުގެ ބައިވެރިން ތައްޔާރު ކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީ އިން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ކޯހުގައި 31 ފަރާތަކުން ބައިވެރިވެފައިވާ އިރު، މައުލޫމާތު ދެއްވާނެ މިނިސްޓްރީގެ މުވައްޒަފުންނެވެ.