ދައުލަތުގެ އިސްވެރިންގެ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމެއިލް ކުރުމަށް ބަޔަކު މަސައްކަތްކުރި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ދުވަހު ނޫސް ހަވީރުގައި ޝާއިއުކުރި ރިޕޯޓު ލިޔުނު ދެ ނޫސްވެރިޔަކު، މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އެ ރިޕޯޓު ލިޔުނު އަހްމަދު ހަމްދޫނާއި އިސްމާއީލް ނަސީރު، މިއަދު ހަވީރު 4:00 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފައިވަނީ ރޭ 10:00 ޖަހާއެހާކަންހާއިރު ފުލުސް އޮފީހުން ގުޅި ބޭފުޅެކެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި، ދެ ނޫސްވެރިންނަށް ޗިޓު ފޮނުވައިފައެއް ނުވެ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތު ހަމްދޫނާއި އިސްމާއިލް ނަސީރުވެސް މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވާނެ އެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މި މަހުގެ 22 ވަނަ ދުވަހު ހަވީރުގެ އަދަދުގައި "ދައުލަތުގެ އިސްވެރިން ބަރަހަނާ ކޮށްލައިފި" މި ސުރުހީގެ ދަށުން ހަމްދޫނާއި އިސްމާއިލް ނަސީރު ލިޔެފައިވާ އެ ރިޕޯޓާ ގުޅިގެން، އެ ދެމީހުން ބޭނުން ކުރާ ކޮމްޕިއުޓަރުތައް ބަލައި ފާސް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ އަމުރެއް ނެރެފަ އެވެ.

ފުލުހުން އިއްޔެ ބުނީ ހަވީރުގެ މައްޗަށް އަމުރެއް ކޮަށް ދިނުމަށް ކްރިމިނަލް ކޯޓުގައި އެދި އަމުރު ހޯދީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތަކެއް ހަވީރުގައި ހުރެ، އެ މައުލޫމާތުތައް ފުލުހުންނަށް ފޯރުކޮށްދީފައި ނުވާތީ އެވެ. މިކަމާބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ނަމަވެސް، އަދި މިހާތަނަށް ފުލުހުން އެ ކޮމްޕިއުޓަރުތައް ބަލައި ފާސްނުކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.