03 May 2015, 15:27
ޑިމޮކްރެޓިކް މުޖުތަމައެއް އުފެއްދުމުގައި ނޫސްވެރިންނާއި ނޫސްތަކުން އަދާ ކުރާ ދައުރު ބަލައިގަންނަން ޖެހޭ ކަމަށް ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ސޯޝަލް މީޑިއާ ޓުވިޓާގައި ޑރ. ޖަމީލު މިއަދު ވިދާޅުވެފައި ވަނީ ހުނަރުވެރި ދެޖިންސްގެ ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ޑިމޮކްރެޓިކް އިންސާފުވެރި މުޖުތަމައެއް ގާއިމްކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހުގައި، ބަލައިގަނެ މަރުހަބާ ކިޔަން ޖެހެ އެވެ،" ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހޭޝްޓެގާއި އެކު ނައިބު ރައީސް ކުރެއްވި ފުރަތަމަ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ދެވަނަ ޓްވީޓްގައި ވިދާޅުވެފައި ވަނީ "ހުނަރުވެރި ފިރިހެން ނޫސްވެރިންނާއި އަންހެން ނޫސްވެރިން އަދި މީޑިއާތަކުގައި އިސްކޮށް ތިއްބެވި ހިތްވަރުގަދަ ޝަޚުސިއްޔަތުތަކުގެ އަގު ވަޒަން ކުރުމަކީ މުހިއްމު ކަމެއް" ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ކަނޑައަޅާފައިވާ ޝިއާރަކީ "ނޫސްވެރިކަން ކުރިއެރިޔަދީ" މިއެވެ. ޔޫއެން އިން މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށާފައި ވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް މަރުވިމީހުންގެ ހަނދާން އާކުރަމުންނެވެ. ރާއްޖޭގައި ވެސް މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ބައެއް ހަރަކާތްތައް އަންނީ ހިންގަމުންނެވެ.