03 May 2015, 14:32
'އަނިޔާވެރިކަން ނިންމަން' މިނަމުގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އަދި މިވަގުތު ފުލުހުންގެ ތަހުގީގަށް ބަންދުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވާދަވެރި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވެރިން ޖަލައްލައި ރައްޔިތުންނަށް އަނިޔާކޮށް، ބިރުދައްކައިގެން ގޮށްމުށުގެ ބާރުން ވެރިކަން ކުރުމަށް ކަމަށެވެ.
ރައްޔިތުންގެ ތެރެއިން ވަރަށް މަދު ބަޔަކު ފިޔަވައި އެހެން ފަރާތްތަކުން ސަރުކާރަށް ތާއިދުނުކުރާކަން ހުކުރު ދުވަހު ބޭއްވި މުޒާހަރާއިން ވަރަށް ސާފުކޮށް ހާމަވެފައިވާ ކަަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން އިމްރާނުގެ އިތުރުން ހައްޔަރުކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބުރާހިމާއި އަދި އެ މުޒާހަރާގައި ހައްޔަރުކުރި ހުރިހާ މީހުން ދޫކޮށްލުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.
ކްރިމިނަލް ކޯޓުން ރޭ ވަނީ އެތިން ބޭފުޅުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.