05 May 2015, 17:09
ރަހިމުގައި އުފެދިފައިވާ ސިސްޓެއް ނެގުމަށް އޭޑީކޭ ހޮސްޕިޓަަލަށް ގެންދިޔަ އަންހެނެއްގެ އޮޕަރޭޝަން ކުރުމުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ އިހުމާލުން އަންހެނަކު މަރުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ސަމާލު ކަަަމަށް ގެނެސްފި އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އޭޑީކޭގައި އެޑްމިޓްކޮށް، ޖެހިގެން އައި ދުވަހު އޮޕަރޭޝަނެއް ކުރި ނ. މަނަދޫ، ރީހުއްސަބާ، އައިިމިނަތު ޝިރުމީނާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނެއްގެ ތެރޭގައި ބަނޑުގެ ތެރެއަށް ބޮޑުކަމުދާތަކެތި ލީކުވެ، ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.
ޝިރުމީނާގެ ފިރިމީހާ އަބްދުލް ހަމީދު ހުސައިން އެޗްއާރުސީއެމަށް މިދިޔަ އާދިއްތަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އޭނާގެ އަންހެނުންގެ އޮޕަރޭޝަން ވަކި ގޮތަށް ކުރުމަށް އާއިލާ އިން ރިކުއެސްޓްކޮށްފައި ނުވާނެ ކަމަށާއި އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅު ކަމަށް އޭނާގެ އަންހެނުން ފޯނުކޮށްފައި ބުނި ކަމަށެވެ. ނަމަވެސް ބަނޑަށް ކޮންމެ ވެސް ވަރެއްގެ އުނދަގުލެއްވާ ކަމަށް އޭރުވެސް ބުނި ކަމަށްވެ އެވެ.
އޭނާގެ އަންހެނުންގެ ޝަކުވާތަކަށް ނަރުހުން މާބޮޑު ފަރުވާލެއް ނުބަހައްޓައި އެއީ ގޭސްޓްރިކް ކަމަށް ބުނި ކަމަށް ސިޓީގައިވެ އެވެ. އަދި މިދިޔަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ޑޮކްޓަރު އައިސް ހަމީދުގެ އަންހެނުންގެ ފުރަގަސްފަރާތަށް ހޮޅިއެއް ލައްވައިގެން ކޮންމެ ވެސް ކަމެއް ކުރި ކަމަށާއި އެދުވަހު އަންހެނުންގެ ބީޕީ މެޝިނުން ނުދައްކާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެއީ މެޝިންގެ މައްސަލައެއް ކަމަށް ބުނެ ފަހުން ބީޕީ ބަލާފައިނުވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ޝިރުމީނާގެ ފިރިމީހާ 'ސަން' އަށް މައުލޫމާތު ދެމުން މިއަދު ބުނީ އޮޕަރޭޝަނަށް ފަހު އޭނާގެ އަންހެނުންނަށް ވަމުން ދިޔަ އުނދަގޫތަކުގެ ސަބަބުން ސްކޭނެއް ނަމަވެސް ކޮށްދިނުމަށް ޑޮކްޓަރުން ކައިރީގައި އާދޭސް ކުރި ކަމަށް އެހީތެރިން ވެސް ބުނި ކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު ހޮނޑަށާއި ގޭސްޓްރިކްއަށް ބޭސްދެމުން ގެންދިޔަ ނަމަވެސް ބަލިމީހާ އަށް އެއްވެސް ލުއިއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"އައިސީޔޫއަށް ގެންގޮސް ސްކޭން ހެދީ ވެސް އަޅުގަނޑު ބުނެކިޔައިގެން، އޭރު ވަރަށް ލަސްވެއްޖެ އިތުރު އޮޕަރޭޝަނަކަށް ދާވަރަށް ވުރެ އަންހެނުންގެ ހާލަތު އޮތީ މާގޯސްކޮށް، އޭރު އަންހެނުންގެ އެތެރޭގެ ހުރިހާ ސިސްޓަމެއް ފޭލްވެ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް،" ހަމީދު ބުންޏެވެ.
"އެ މައްސަލާގައި އޭޑީކޭގެ ޑޮކްޓަރުންތަކެއް އާއިލާއާ ބައްދަލުކުރި، އަދި އެ އޮޕަރޭޝަން ކުރި ޑޮކްޓަރުގެ އިހުމާލެއް އުޅޭ ކަމަށް އެ ޑޮކްޓަރުންގެ އިތުރުން އެ މައްސަލާގެ ރިޕޯޓްގައި ވެސް ބަޔާންކޮށްފައިވޭ."
ހަމީދުގެ އަންހެނުން އައިސީޔޫއަށް ގެންދިޔައީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އޭނާގެ ހާލަތު އިތުރަށް ގޯސްވެ، ބަނޑު އިތުރަށް ފުއްޕަމުންދާން ފެށުުމުންނެވެ. އަދި އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށާއި ގިނަ އަދަދެއްގެ ލޭ ހޯދަން އެންގި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
"ސްކޭނެއް ހަދާފައި ބެލެމުން ބަނޑުތެރޭގައި ބޮޑުކަމުދާތަކެތި ލީކްވެފައި ހުރި ކަމަށާއި ބޮޑުކަމުދާތަކެތި ބަނޑަށް ލީކްވާނީ ކޮންމެވެސް ގޮތަކުން ގޮހޮރު ހަލާކްވެގެން ހުރުމުން ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައި، އެ ވަގުތު ވެސް އަޅުގަނޑު ބުނިން އޮޕަރޭޝަން ކުރި ޑޮކްޓަރުގެ އިހުމާލެއް މިކަމުގައިވާނެއޭ،" އެ ސިޓީގައިވެ އެވެ.
އެޗްއާރުސީއެމަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައި ވަނީ ބަލިމީހާގެ ޝަކުވާތަކަށް ޑޮކްޓަރު އަޅާނުލާ ފަރުވާކުޑަކުރުމުގެ ޒިންމާ ޑޮކްޓަރު ނަގަން ޖެހޭނެ ކަަމަށް ދެކޭ ކަަމަށާއި އެ ޑޮކްޓަރުގެ އިހުމާލުން މީހެއްގެ ފުރާނެ ނެތިދިއުމަކީ ރާއްޖޭގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން މަނާކުރުގެ އިތުރުން ގާނޫނީ ގޮތުން ދައުވާ ކުރެވެން ޖެހޭނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
އޭޑީކޭގެ މެޑިކޯ ލީގަލް އެންޑް ކޮލިޓީ އެސުއަރެެންސް އެގްޒެކެޓިވް ޑރ. ފައިސަލް ސައީދު "ސަން"އަށް މިއަދު ވިދާޅުވީ އެ މައްސަލައަކީ ހެލްތް މިނިސްޓްރީން ވެސް މިހާރު ބަލަމުންދާ އަންނަ މައްސަލައަކަށް ވާތީ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ. ނަމަވެސް ޕޭޝަންޓްގެ އާއިލާ އަށް އެ މައުލޫމާތު ވާނީ ދީފައި،" ޑރ. ފައިސަލް ވިދާޅުވި އެވެ.
"އެ މަައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އާއިލާއާ ވާނީ ހިއްސާކޮށްފައި، އެ މައްސަލާގައި ޑޮކްޓަރު އިހުމާލުވޭތޯ ނޫންތޯ ކަނޑައަޅާނީ ހޮސްޕިޓަލުންނެއް ނޫން މިނިސްޓްރީން،" ފައިސަލް ވިދާޅުވި އެވެ.