03 May 2015, 13:42
އާއްމުކޮށް މުޅި ދުނިޔޭގައި އިނގިރޭސިންނަށް އޮންނަ ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި ވެސް އެބަ އޮތް ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ކޮމަން ވެލްތު އެންޑް ފޮރިން އޮފީހުން އިއްޔެ ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އާއްމު ނުރައްކާ ރާއްޖޭގައި ވެސް އެބަ އޮތް ކަމަށެވެ. އަދި އެ ނުރައްކާ ތަފުސީލުކޮށްދިނުމަށް ހިމަނާފައިވާ ލިންކްގައި ބުނެފައި ވަނީ "ޓެރަރިޒަމްގެ އާއްމު ނުރައްކާ އެބަ އޮތް ކަމަށާއި ހަމަލާ ދިނުމުގައި ވަކި ގޮތެއް، ވަކި ތަނެއް ނުބަލަފާނެ" ކަމަށެވެ. ޓުއަރިސްޓުންގެ ގޮތުގަ އާއި އެ ނޫން ގޮތް ގޮތުން ޒިޔާރަތް ކުރާ ބިދޭސީން އާއްމުކޮށް ޒިޔާރަތް ކުރާ ތަންތަނަށް އެގޮތުން ހަމަލާއެއް ދީފާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިނގިރޭސި ރައްޔިތުންނަށާއި އެ ގައުމުގެ މަސްލަހަތުތަކަށް ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނުރައްކާ މުޅި ދުނިޔޭގައި ވެސް ބޮޑުވެފައިވާ ކަމަށް ވެސް އިނގިރޭސިވިލާތުގެ އެޑްވައިޒަރީފައި ބުނެފައިވެ އެވެ.
"...އިރާގާއި ސޫރިޔާގައި ހިނގާ ހަމަނުޖެހުން ތަކުން ހިތްވަރު ލިބިގަނެގެން އުޅޭ ގްރޫޕުތަކުން ނުވަތަ ޔޫކޭގެ މަސްލަހަތުތަކާއި ރައްޔިތުންނަށް ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނުރައްކާ ދުނިޔޭގައި ވަނީ ބޮޑުވެފައެވެ. މިވަގުތު ތިޔަބޭފުޅުން އެކަމަށް ސަމާލުވެވަޑައިގަންނަވަން ޖެހޭނެއެވެ،" ޓްވެލް އެޑްވައިޒަރީގައިވެ އެވެ.
ރާއްޖޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އިއްޔެ ނެރެ، އަދި މިއަދު ވެސް އަމަލުކުރާކަން ބަޔާންކޮށްފައިވާ އެ އެޑްވައިޒަރީގައި އިނގިރޭސިންނަށް ގޮވާލާފައި ވަނީ ބޮޑެތި އެއްވުންތައް އޮންނަ ތަންތަނަށް ނުދިއުމަށެވެ.