އިދިކޮޅު ފަރާތްތަކުން މާލޭގައި މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރޭގައި ފުލުހަކަށް އަނިޔާކުރި މައްސަލާގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވާ ދެވަނަ މީހަކީ ގ. ކީމާ، އަބްދުﷲ ރަޝީދު،49 އެވެ. އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ މާލޭ ދަފްތަރު މޫސާ ޝަރުމީލު،35 އެވެ.

އެމީހުންގެ ތެރެއިން ޝަރުމީލުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އަބްދުﷲ ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް އަދި ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުސް މީހާއަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން މުޒާހަރާގެ ތެރެއިން ފުލުހެއް ދުވެފައި ދަނިކޮށް މީހަކު ގޮސް އެ ފުލުސް މީހާގެ ފައިގައި ޖަހައި ބިންމައްޗަށް ވައްޓާލަ އެވެ. އެވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ފުލުސް މީހާ އަތުން މުގުރުބުރި އަތުލައި ފުލުސް މީހާގެ ގައިގައި މުގުރުބުރިންނާއި ފައިން ތަޅައި މާރާމާރީ ހިންގާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

އެ ވީޑިއޯއިން ފެންނަ މީހަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރިމައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.