05 May 2015, 09:57
ކޮންމެ މީހެއްގެ ލެއަށް ސަޕޯޓު ކުރާ ހާއްސަ "އެންޒައިމް"އެއް ބްރިޓިޝް ކޮލަމްބިއާ ޔުނިވާސިޓީގެ ރިސާޗަރުން އުފައްދައިފި އެވެ.
ޓައިޕް-އޯ ލެޔަކީ ހުރިހާ އެންމެނަށް ސަޕޯޓު ކުރާ ނުވަތަ ޔުނިވާސަލް ޑޯނާ ލެޔެވެ. އެ ލެޔަކީ ކޮންމެ ވައްތަރެއްގެ ލެޔެއް ހުރި އިންސާނަކަށް ވެސް ބޭނުން ކުރެވޭނެ ލެޔެކެވެ.
އެ ލޭގެ ވައްތަރު ފިޔަވާ އެހެން ލޭގެ ވައްތަރުތައް ކަމަށްވާ ޓައިޕް-އޭ އާއި ޓައިޕް-ބީ އަކީ ޓައިޕް-އޯ ލެއަށް ވުރެ ގިނައިން ހަކުރު ހިމެނޭ ދެ ވައްތަރެކެވެ. އެހެން ކަމުން އެ އެންޒައިމް ނުވަތަ އެންޓިޖެން ގެ އެހީގައި ރިސާޗަރުން ވަނީ ލޭގެ އެ ދެ ވައްތަރުގައި ހިމެނޭ ހަކުރުތައް ނެގޭނެ ގޮތް ހޯދާފަ އެވެ.
"ބްލަޑް ޓައިޕް-އޭ އާއި ޓައިޕް-ބީ ގައި ހިމެނޭ ހަކުރުތައް ފޮހެލުމަށް އަޅުގަނޑުމެން ތައްޔާރުކޮށްފައި ވަނީ 'މިއުޓެންޓް' އެންޒައިމް އެއް. އެއާ އެކު ހުރިހާ ލޭގެ ޓައިޕްތަކެއް ވެސް އޯ-ޓައިޕް އަށް ބަދަލުކޮށް ޔުނިވާސަލް ޑޯނާއަކަށް ހެދޭނެ،" އެ ދިރާސާގެ އިސް ސަފުގައި މަސައްކަތްކުރި ފަރާތެއް ކަމުގައިވާ ލިޔުންތެރިޔާ ޑޭވިޑް ކްވާން ބުންޏެވެ.
ބަދަލު ކޮށްފައިވާ ލޭ ބޭނުން ކުރުމުގެ ކުރިން އޭގައި ހުރި ހުރިހާ އެންޒައިމްތަކެއް ނަގަން ޖެހޭނެ ކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ. ރިސާޗަރުންނަށް މިހާރު ވަނީ ލެއިން އެންޒައިމްގެ ބޮޑު ބައެއް ނެގުމަށް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ހުރިހާ އެންޒައިމް އެއް ލެއިން ނެގުމުން ނޫނީ ކްލިނިކަލް ސެޓިންތަކުގައި އެ ލެޔެއް ބޭނުމެއް ނުކުރެވޭނެ ކަމަށް ރިސާޗަރުން ބުންޏެވެ.