ގައުމީ ވާޖިބު އަދާކުރެއްވުމަށް މާދަމާ ނުކުމެވަޑައިގަންނަވާ ހުރިހާ ކައުންސެލަރުންވެސް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުވީ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މުޅި ރާއްޖޭގައި މާދަމާ ބާއްވަވާ ގޮތަށް ހަމަޖެހިފައިވުމާއެކު، އެ ތާރީޚީ ދުވަހަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކަކަކީ ސަރުކާރުގެ އެގްޒެކެޓިވް ބައެއް ކަމަށާއި ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުންދީފިނަމަ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުވެގެންދާނެ ކަމަށެވެ.

"އެ ހުރިހާ ކައުންސިލަރުންނަށް އަޅުގަނޑު ދަންނަވާލަން. ކައުންސިލަކީ ސަރުކާރުގެ އެގްޒެކެޓިވްގެ ބައެއް. އެހެންކަމުން، ސަރުކާރާ ގުޅިވަޑައިގެން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރެއްވުމަކީ، އަޅުގަނޑުމެން މި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުވެގެންދާނޭ ކަމެއް. ތިޔަބޭފުޅުންގެ މަސައްކަތަށް ވެދެވެން އޮތް އެހީތެރިކަމެއް ސަރުކާރުން ވެދޭނެ،" ރައީސް ނަޝީދު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އުޅުއްވަމުން، މިއަދު ދެއްވި ރޭޑިޔޯ ޚިތާބުގައި ވިދާޅުވި އެވެ.
~
ރައީސް ނަޝީދު ވިދާޅުވީ، އެފަދަ ބޮޑު ބަދަލެއް ގެންނައިރު ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "އެހެންނަމަވެސް، ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ މުއައްސަސާތަކާއި އިންތިޚާބުވެފައިވާ ކައުންސިލަރުން ގުޅިގެން ގަައުމީ ރޫހުގައި މަސައްކަތް ކޮށްފިނަމަ މިކަންތައްތައް ވަރަށް ރަނގަޅަށް ޙައްލުކުރެވޭނެކަމުގެ ޔަގީީންކަން އަޅުގަނޑަށް އެބައޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާދަމާ އޮންނަ ކައުންސިލަރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ހުރިހާ ކަންކޮޅުތަކެއްގައިވެސް އެއް އުސޫލަކުން، ވަރަށް ރަނގަޅަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން ހުވާކުރުމާއި ކައުންސިލުތަކުގެ މަސައްކަތްތައް ފެށުމުގެ ކަންތައްތައް އޮމާންކަމާއެކު ގެންދިޔުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ކައުންސިލު އިންތިޚާބުވުމުގެ މާކުރިއްސުރެ ފެށިގެން ކަމާބެހޭ ތައްޔާރީތައްވަނީ ފެށިފައި ކަމަށެވެ.

"މާދަމާ އަޅުގަނޑުމެން މިއަޅާ ފިޔަވަޅަކީ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ކުރަމުންގެންދާ މަސައްކަތުގެ މުހިންމު އަދި ތާރީޚީ ފިޔަވަޅެއް. އެހެންކަމުން، ޤައުމީ ރޫޙުގައި މިކަމުގައި ހުރިހާ ރައްޔިތުން ބައިވެރިވެވެޑައިގަތުމަށް މި ފުރުޞަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް އެއީ، ހުރިހާ ރައްޔިތުންވެސް ޒީނަތްތެރިވެ އަދި ހަމަ ހުވާކުރުމުގެ ރަސްމިއްޔާތުތަކަށް ސީދާ އެ ހޯލްތަކަށް ވަޑައިގެންދެއްވުމަކީ، މިކަމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއްކަން އަޅުގަނޑަށް ހަމަ ކަށަވަރު." ރައީސް ވިދާޅުވި އެވެ.